ނިއު ދިއްލީ – އޮންލައިންކޮށް އޯޑަރު ކުރި އައިސްކޯނަކުން އިންސާނެއްގެ އިނގިލީގެ ބައެއް ފެނުނު ކަމަށް ޑޮކްޓަރަކު ބުނުމުން އިންޑިއާގެ ފުލުހުން އެ މައްސަލަ ބަލަން ފަށައިފި އެވެ.
މުމްބާއީގައި ދިރިއުޅޭ ޑރ. އޯލެމް ބްރެންޑަން ސެރާއޯ ބުނީ މި އިނގިލިބުރި ފެނުނީ އޭނާގެ ކޮއްކޮ ގްރޯސަރީ ޑެލިވަރީ އެޕްލިކޭޝަނެއް މެދުވެރިކޮށް އޯޑަރުކުރި ޔުމްމޯ އައިސްކޯނަކުން ކަމަށެވެ.
ސެރާއޯ ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ ގެނައި އައިސްކޯން އަނގަޔަށްލުމުން އާދަޔާ ހިލާފު ކަމެއް އިހުސާސްވެ، ގާތްގަނޑަކަށް އިންޗިއެއްހާ ދިގު އިންސާނެއްގެ އިނގިލީގެ ބައެއްހެން ހީވާ އެއްޗެއް ފެނުނު ކަމަށެވެ. އަދި މެލްޓިން ކޯނުގެ ތެރޭގައި އިންސާނެއްގެ އިނގިލީގެ ބައި ތާށިވެފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް އޭނާ ވަނީ ހިއްސާކޮށްފަ އެވެ.
ޑޮކްޓަރާއި އޭނާގެ ކޮއްކޮ ފުލުހުންނަށް އެކަން ރިޕޯޓް ކުރުމުން ފުލުހުން ވަނީ މައްސަލަ ބަލަންފަށައި، ފެންނަ އިނގިލިބުރި ފޮރެންސިކް ތަހުލީލަށް ފޮނުވައިފަ އެވެ. މުމްބާއީ ފުލުހުން ބުނީ މި ހާދިސާ ސީރިއަސްކޮށް ބަލަމުން އަންނަ ކަމަށާއި އެކަން ވަރަށް ރަނގަޅަށް ތަހުގީގު ކުރާނެ ކަމަށެވެ.
ޔުމްމޯ އައިސްކްރީމްސް ބްރޭންޑް ހިންގާ ވޯކޯ ފުޑް ކޯ ލިމިޓެޑުން ވަނީ ބުދަ ދުވަހު އެ ކުންފުނީގެ ކޯނުގައި އިނގިލި ހުރި ކަމަށް ބުނާ މައްސަލައެއް ކަސްޓަމަރެއްގެ ފަރާތުން ލިބުނުކަން އިއުތިރާފުވެފައެވެ. އަދި އެ މައްސަލަ އިތުރަށް ހޫނުވެފައިވާ ކަމަށް އިންޑިއާގެ ގައުމީ އެންޑީޓީވީ ޓީވީ ނެޓްވޯކުން ވަނީ ބުނެފައެވެ.
އައިސްކްރީމް އުފައްދާ ކުންފުނިން ވެސް ވަނީ މި މައްސަލައިގެ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ.