ފާގައަކީ ސިއްހަތަށް ލިބޭ ގިނަ ފައިދާތަކެއްގެ ސަބަބުން ސަމާލުކަން ހޯދަމުން އަންނަ މޭވާއެކެވ. ހިތި ރަހައެއް ހުރި ނަމަވެސް ފާގައަކީ ގިނަ ފައިދާކުރުވަނިވި މާއްދާތަކުން މުއްސަނދި އަދި ބޭސްވެރިކަމުގައި އަރާހުރި މޭވާއެކެވެ.
ފާގަ ބޭނުންކޮށްގެން އެކި ވައްތަރުގެ ކާނާ ތައްޔާރުކޮށް އުޅެއެވެ. ބައެއް މީހުން ފާގަ ރޮލާ ހުއްޓަވެސް ކައި އުޅެއެވެ. ނަމަވެސް ގިނަ ބައެއްގެ ތެރޭގައި މަޝްހޫރު ވެފައި އޮންނަނީ ފާގައިން ތައްޔާރުކުރާ ޖޫހެވެ.
ފާގައިންް ލިބޭ ސިއްހީ ފައިދާތަކުގެ ތެރޭގައި ލޭގެ ޕްރެޝަރު ދަށްވުމާއި، ހަކުރު ކޮންޓްރޯލްކުރުމުގެ އިތުރުން ހަމުގެ ދުޅަހެޔޮކަން ހިމެނެއެވެ.
ފާގަ ޖޫހަކީ ކޮބާ؟
ފާގަ ޖޫހަކީ “ބިޓާ މެލޯން ނުވަތަ މޮމޯޑިކާ ޗަރަންޓިއާ” ނަމަކަށް ކިޔާ މޭވާއަކުން ތައްޔާރުކުރާ ޖޫހެކެވެ. އެއީ ދިވެހި ބަހުންނަމަ “ފާގަ” ގެ ނަމުން ނަން ދީފައިވާ މޭވާއެކެވެ.
ހަރު ތޮށިގަނޑެއް ހުންނަ ފާގައަކީ ހިތި މޭވާއެކެވެ. ހ ސައިންޓިފިކް ގޮތުން “މޮމޯޑިކާ ޗަރަންޓިއާ”ގެ ނަމުން ނަން ދީފައިވާ މި މޭވާ އަކީ މައިގަނޑު ދެ ބާވަތެއް ކަމަށްވާ ޗައިނީޒް އަދި އިންޑިއަން ގައި ހިމެނޭ އެއްޗެކެވެ. ފާގަ ދޮންވާވަރަކަށް އޭގެ މީރު ރަހަ ގަދަވެއެވެ.
ފާގައަކީ ދިފާއީ ނިޒާމު، ސިކުނޑީގެ ދުޅަހެޔޮކަން ކުރިއެރުވުމުގައި ދައުރެއް އަދާކުރާ އެންޓިއޮކްސިޑެންޓެއް ކަމަށްވާ ވިޓަމިން ސީ ގިނަ އަދަދަކަށް ފޯރުކޮށްދެއެވެ. އަދި ފާގައަކީ ޕްރޮވިޓަމިން އޭ ގެ ވަރަށް ރަނގަޅު ވަސީލަތެކެވެ. މިއީ ހަށިގަނޑު ވިޓަމިން އޭ އަށް ބަދަލުކޮށް، ލޮލުގެ ފެނުމާއި ހަމުގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ މާއްދާއެކެވެ
ކުރުގޮތަކަށް ބުނާނަމަ ފާގައަކީ ވަރަށް މަދު ކެލޮރީއާއި ކާބްސް އެކުލެވޭ މުހިންމު ނިއުޓްރިއެންޓްސް ތަކެއް ފޯރުކޮށްދޭ މޭވާއެެކެވެ.
ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދޭނެ!
ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ފާގައަކީ ލޭގައި ހަކުރު ހުންނަ މިންވަރު ބެލެހެއްޓުމަށް އެހީތެރިވެދޭ އެއްޗެކެވެ. އޭގެ ތެރޭގައި ގްލޫކޯޒް ދަށްކޮށްދޭ މައިގަނޑު ތިން މާއްދާއެއް ހިމެނެއެވެ. އެއީ ޕޮލިޕެޕްޓައިޑް-ޕީ، ޗަރަންޓިން އަދި ވިސީން އެވެ.
ޕޮލިޕެޕްޓައިޑް-ޕީ އަކީ އިންސިއުލިން އާ އެއްގޮތް ގޮތަކަށް މަސައްކަތް ކުރާ އެއްޗެއް ކަމަށް ބެލެވޭ އިރު، އެއީ ލޭގެ ތެރެއިން ހަކުރު ސެލްތަކާއި ޓިޝޫތަކަށްހިފެހެއްޓުމަށް މަގުފަހިކޮށްދީ ލޭގައި ހަކުރު ރެގިއުލޭޓް ކުރުމަށް އެހީތެރިވެދޭ މުހިއްމު ހޯމޯންއެކެވެ.
ޗަރަންޓިން އާއި ވިސީން އަކީ ވެސް ލޭގައި ހަކުރު ދަށްކޮށްދޭ އެއްޗެކެވެ.
މީގެ އިތުރުން ފާގައިގަ ހިމެނޭ އެހެން ގިނަ ކޮމްޕައުންޑްތަކުގެ ސަބަބުން އިންސިއުލިން ދޫކުރުމުގެ ޒިންމާ އުފުލަންޖެހޭ ގުނަވަން ކަމަށްވާ ޕެންކްރިއަސްގައި ހުންނަ ސެލްތައް ހިމާޔަތްކޮށް އަލުން އުފެއްދުމަށް ވެސް އެހީތެރިވެދެ އެވެ.
މީގެ ކުރިން ވަނީ ދިރާސާއެއް ހެދުމަށްޓަކައި 24 މީހަކަށް 90 ދުވަސް ވަންދެން ދުވާލެއްގެ މައްޗަށް 2 ގްރާމް ފާގަ ދިޔަ ދީފައެވެ. އެމީހުންގެ ތެރެއިން ފާގަ ދިޔަ ބޭނުންކުރި މީހުންނަށް ދިގު މުއްދަތަކަށް ލޭގައި ހަކުރު ހުންނަ މިންވަރު އަންގައިދޭ ހިމޮގްލޮބިން އޭ1ސީ (އެޗްބީއޭ1ސީ) ގެ މިންވަރު ދަށްވެފައިވާކަން ފާހަގަކުރެވުނެވެ.
އެޗްބީއޭ1ސީ ލެވެލް ދަށްވުމަކީ ލޭގައި ހަކުރު ކޮންޓްރޯލް ކުރުން ރަނގަޅުކަމާއި ހަކުރު ބަލީގެ ނުރައްކާ ކުޑަކޮށްދޭ ކަމެކެވެ.
މި ހޯދުންތަކަކީ އުއްމީދީ ހޯދުންތަކަކަށްވީ ނަމަވެސް ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުމަށް ޓަކައި ފާގަ އާއި އޭގެ ދިޔަ ބޭނުންކުރެވިދާނެ ގޮތް ދެނެގަތުމަށް ބޮޑެތި ދިރާސާތަކެއް ކުރަން ޖެހެއެވެ.