ވިކީ ކޯޝަލްގެ ވައިރަލް ޗާޓްބަސްޓާ “ތައުބާ ތައުބާ” ލަވަޔަށް އަންހެނަކު އޭނާގެ ދަރިންނާ އެކު ނަށާ މަންޒަރު ފެންނަ ވީޑިއޯ އަކަށް 55 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބި އިންސްޓަގްރާމްގައި ވައިރަލްވެއްޖެ އެވެ.
މި ވީޑިއޯ ފެނި ހައިރާންކަމާއެކު ވިކީ ކޯޝަލް ވެސް ވަނީ “ވާއޮ” މިހެން ލިޔެ ކޮމެންޓް ކޮށްފައެވެ.
ވީޑިއޯ ކްރިއޭޓަރު ރުޕާލީ ސިންގް ވަނީ “ތައުބާ ތައުބާ” ގެ ހުކް ސްޓެޕްތައް ކޮޕީކޮށް ކުރު ކްލިޕެއް އިންސްޓަގްރާމަށް ދޫކޮށްލާފައެވެ. ސާރީއެއް ލައިގެން ހުރި ރުޕާލީ އޭނާގެ ދެ ދަރިންނާ އެކު ލަވައަށް ނަށާ، ސްޓެޕްތައް ރިކްރިއޭޓް ކުރަން ވެސް މަސައްކަތް ކުރި އެވެ.
އިންސްޓަގްރާމްގައި 81،000 އަށް ވުރެ ގިނަ ފޮލޯވަރުން ތިބި ރުޕާލީ ސިންގް އޭނާގެ ރަށުގައި ރެކޯޑްކޮށްފައިވާ މިފަދަ ޑާންސް ވީޑިއޯތައް އާންމުކޮށް ޕޯސްޓް ކުރެއެވެ.
ވިކީ ކޯޝަލްގެ އިތުރުން “ތައުބާ ތައުބާ” ކޮރިއޯގްރާފް ކުރި ބޮސްކޯ މާޓިސް ވެސް ވަނީ ތާހިރާ ކަޝްޔަޕް ފަދައިން ހިތުގެ އިމޯޓިކޯންތަކާ އެކު ރުޕާލީގެ ވީޑިއޯއަށް ރައްދު ދީފަ އެވެ. މުމްބާއީގެ “ޑާންސިން ކޮޕް” އަމޯލް ކަމްބްލޭ ވެސް ވަނީ މި ވީޑިއޯއަށް ތައުރީފް ކޮށްފައެވެ.