ހައިދަރާބާދުގެ ސަންދިޔާ ތިއޭޓަރުގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ހައްޔަރުކުރެވުނު ބޮލިވުޑް ތަރި އައްލޫ އަރްޖުން، ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ކުއްޖާ އާއި ބައްދަލުނުކުރި ސަބަބު ހާމަކޮށްފިއެވެ.
ޑިސެމްބަރު 4 ވަނަ ދުވަހު “ޕުޝްޕާ 2: ދަ ރޫލް” ފިލްމުގެ ޕްރިމިއަރގައި ހިނގި ހާދިސާގައި 35 އަހަރުގެ އަންހެނަކު ނިޔާވެ، އޭނާގެ ދަރިފުޅު ސްރީ ތޭޖް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާއިރު، އައްލޫ އަރްޖުން އޭނާ އާއި ބައްދަލުނުކުރުމުން ސޯޝަލް މީޑިއާގައި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ.
މި ފާޑުކިޔުންތަކަށް ޖަވާބުދާރީވަމުން އައްލޫ އަރްޖުން އިންސްޓަގްރާމުގައި ޕޯސްޓެއް ކޮށްފައިވެއެވެ. އޭނާ ބުނެފައިވަނީ ސްރީ ތޭޖްގެ ހާލު ދެނެގަތުމަށް އަބަދުވެސް މަސައްކަތްކުރަމުންދާ ކަމަށާއި، އޭނާގެ އަވަސް ޝިފާއަށް ދުޢާކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް މައްސަލައިގެ ޤާނޫނީ އިޖުރާއަތުތައް ކުރިއަށްދާތީ، މިވަގުތު އެކުއްޖާ ނުވަތަ އޭނާގެ އާއިލާއާ ބައްދަލުނުކުރުމަށް ޤާނޫނީ ޓީމުން ލަފާދީފައިވާކަމަށް އައްލޫ އަރްޖުން ބުނެފައިވެއެވެ.
“އެކުއްޖާއަށް އަވަސް ޝިފާއަށް އަޅުގަނޑު އެދެން. އަދި ވީހާވެސް އަވަހަކަށް އެކުއްޖާއާއި އޭނާގެ އާއިލާއާ ބައްދަލުކުރުމަށް އަޅުގަނޑު ބޭނުންވޭ،” އައްލޫ އަރްޖުން ބުނެފައިވެއެވެ.
ހާދިސާއާ ގުޅިގެން ހުކުރު ދުވަހު އައްލޫ އަރްޖުން އޭނާގެ ގެއިން ހައްޔަރުކުރެވުނެވެ. އަދި ހޮނިހިރު ދުވަހު ޖަލުން ދޫކޮށްލުމަށްފަހު އޭނާގެ އާއިލާއާއެކު ވަގުތު ހޭދަކުރަމުންދާތީ ސޯޝަލް މީޑިއާގައި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ.
އައްލޫ އަރްޖުން ބުނެފައިވަނީ ހާދިސާގައި އަނިޔާވި ފަރާތްތަކުގެ ޞިއްޙީ އަދި އާއިލީ ބޭނުންތަކަށް އެހީތެރިވުމަށް އަބަދުވެސް ތައްޔާރަށް ހުންނާނެ ކަމަށެވެ.