ހޮލިވުޑްގެ މަޝްހޫރު އެކްޓްރެސް ކްރިސްޓެން ބެލް 2025 ވަނަ އަހަރުގެ ސްކްރީން އެކްޓަރސް ގިލްޑް (ސެގް) އެވޯޑްސް ހޯސްޓްކުރުމަށް އަނބުރާ އަންނަ ކަމަށް ވަނީ އިއުލާނުކޮށްފައެވެ. މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ 23 ވަނަ ދުވަހުގެ ރޭ 8:00 ގައި ޝްރައިން އޯޑިޓޯރިއަމް އެންޑް އެކްސްޕޯ ހޯލްގައެވެ. އަދި މި އިވެންޓް ލައިވްކޮށް ދައްކާނީ ނެޓްފްލިކްސް އިންނެވެ.
ކްރިސްޓެން ބެލް މިހާރު ވެސް ނެޓްފްލިކްސްގެ މަޝްހޫރު ކޮމެޑީ ސީރީޒް “ނޯބަޑީ ވޯންޓްސް ދިސް” ގައި ސްޓާކޮށް އުޅޭތީ، އޭނާ ސެގް އެވޯޑްސް ހޯސްޓްކުރަން އައުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ބެލެވެއެވެ. މި އިވެންޓާ ގުޅޭ ގޮތުން ދެއްކި ވާހަކައެއްގައި ކްރިސްޓެން ބެލް ބުނެފައިވަނީ އަނެއްކާވެސް ސެގް އެވޯޑްސް ހޯސްޓްކުރުމުގެ ފުރުސަތު ލިބުނީތީ ވަރަށް އުފާވެ، އެރޭ އޭނާގެ އެކްޓަރ އެކުވެރިންނާއެކު ހޭދަކުރުމަށް ވަރަށް ބޮޑަށް އިންތިޒާރުކުރަމުންދާ ކަމަށެވެ.
ސެގް އެވޯޑްސްގެ އެގްޒެކެޓިވް ޕްރޮޑިއުސަރ ޖޮން ބްރޮކެޓް ބުނެފައިވަނީ ކްރިސްޓެން ބެލްގެ ހުނަރުވެރިކަމާއި، ހިތްހެޔޮކަމާއި އަދި ޖާޒުބިއްޔަތުކަމަކީ މި އިވެންޓަށް ވަރަށް އެކަށީގެންވާ ސިފަތަކެއް ކަމަށެވެ. އަދި މިއީ އެކްޓަރުންނާއި އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ޕަރފޯމަންސްތައް ފާހަގަކުރާ ރެއަކަށް ވާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
މި އިވެންޓް ޕްރޮޑިއުސްކުރާނީ ސައިލެންޓް ހައުސް ޕްރޮޑަކްޝަންސް އިންނެވެ. އަދި މީގެ އިތުރުން ސެގް އެވޯޑްސްގެ ޖޮން ބްރޮކެޓް، ސައިލެންޓް ހައުސް ޕްރޮޑަކްޝަންސްގެ ބާޒް ހަލްޕިން، މާކް ބްރެކޯ އަދި ލިންޑާ ގިއެރާން ވެސް އެގްޒެކެޓިވް ޕްރޮޑިއުސަރުންގެ ގޮތުގައި މަސައްކަތްކުރާނެއެވެ.
ކްރިސްޓެން ބެލްއަކީ “ދަ ގުޑް ޕްލޭސް”، “ވެރޯނިކާ މާސް” އަދި “ފްރޯޒަން” ފަދަ މަޝްހޫރު ޓީވީ ޝޯތަކާއި ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު އެކްޓްރެސްއެކެވެ. އޭނާގެ އެންމެ ފަހުގެ މަސައްކަތްތަކުގެ ތެރޭގައި ޕްރައިމް ވީޑިއޯގެ “ދަ ޕީޕަލް ވީ ހޭޓް އެޓް ދަ ވެޑިންގް” އަދި ނެޓްފްލިކްސްގެ “ދަ ވުމަން އިން ދަ ހައުސް” ހިމެނެއެވެ.