ބޮލީވުޑްގެ 90 ގެ އަހަރުތަކުގެ މަޝްހޫރު ތަރި ގޮވިންދާގެ އަންހެނުން ސުނީތާ އަހުޖާ ދާދިފަހުން ވަނީ އޭނާގެ ފިރިމީހާ ވޭތުވެދިޔަ ދެ އަހަރު މަސައްކަތް ނުކުރާ ވާހަކަ ހާމަކޮށް ވާހަކަދައްކާފައެވެ.
އަދި ސުނީތާ ވަނީ ގޮވިންދާ 60 އަހަރު ފުރުމާ ގުޅިގެން އޭނާގެ މައްޗަށް ކުރާ އަސަރުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން، މި އުމުރުގައި ގޮވިންދާ އެހެން ކަންކަމަށް ސަމާލުކަން ދީފާނެތީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ބުނެފައިވެއެވެ.
“ކުރިން މަސައްކަތުގައި އުޅުނު އިރު، އެހެން ކަންކަމަށް ވަގުތެއް ނުލިބޭ. މިހާރު މަސައްކަތް ނުކުރާތީ އަހަރެން ކަންބޮޑުވޭ. އަދި 60 އަހަރުގައި އެހެން މީހަކާއެކު ގުޅުމެއް ހިންގައިފާނެތީ ވެސް ކަންބޮޑުވޭ” ސުނީތާ ބުނެފައިވެެއެވެ.
90 ގެ އަހަރުތަކުގައި ގޮވިންދާއާއި އެކި އެކްޓްރެސްއިންނާ ގުޅުން އޮތް ކަމަށް ދެކެވުނު ވާހަކަތަކާ ބެހޭ ގޮތުން ސުނީތާ ބުނީ، ހިތުގައި ހިތްވަރު ހުންނަން ޖެހޭ ކަމަށެވެ. އަދި އެކި ތަންތާ ގުޅުން އޮތް ކަމަށް ބުނެ ވާހަކަ ދެކެވުނު ކަމަށާއި ނަމަވެސް ގިނަ ފަހަރު އޭނަ މަސައްކަތުގައި އުޅެނީ ވަރަށް ބުރަކޮށް ކަމަށް ސުނީތާ ބުންޏެވެ.
“އެހެންވީމާ އެފެއަރއެއް ހިންގާކަށް ވަގުތެއް ނުލިބޭ.” ސުނީތާ ބުނެފައިވެއެވެ.
އަންހެނުންނަށް ނަސޭހަތްތެރިވަމުން ސުނީތާ ބުނީ ފިރިހެނުންނާއި ދަރިންގެ މައްޗަށް މާ ބޮޑަށް ބަރޯސާ ނުވުމަށެވެ.
“ފިރިހެނުންނަށް މާ ބޮޑަށް އިތުބާރު ނުކުރާށޭ. ދަރިންގެ މައްޗަށްވެސް ބަރޯސާ ނުވާށޭ. ދަރިން ބޮޑުވެ، އެމީހުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދީ ނިމުމުން، އެމީހުންގެ އަމިއްލަ ދިރިއުޅުން އޮންނާނެ. އެހެންވީމާ ތިމާގެ އަމިއްލަ ދިރިއުޅުން އުޅެން ޖެހޭނެ,” ސުނީތާ ބުންޏެވެ.
މީގެ އިތުރުން ސުނީތާވަނީ ވަކި އުމުރަކަށް ދިޔުމުން ކޮންމެ އަންހެނަކުވެސް އަމިއްލަ ނަފްސަށް، އަމިއްލަ ޝައުގުވެރިކަމަށް އަދި އަމިއްލަ ދުޅަހެޔޮކަމަށް ވަގުތު ހޭދަކުރަން ޖެހޭނެ ކަމަށްވެސް ބުނެފައެވެ..