2000 ގެ އަހަރުތަކުގެ ކުރީކޮޅު އިންޑިއަން ޕޮޕް މިއުޒިކް ސީންގައި މަޝްހޫރުވި ‘ކާންޓާ ލަގާ’ މިއުޒިކް ވީޑިއޯގެ ތަރި ޝެފާލީ ޖަރިވާލާ (42 އަހަރު) ރޭ މުންބާއީގައި މަރުވެއްޖެއެވެ.
ރޭ ޝެފާލީހާލު ދެރަވެގެން އޭނާގެ ފިރިމީހާ ޕަރާގް ތިއާގީ ޝިފާލީ ބެލެވިއު މަލްޓިސްޕެޝަލިޓީ ހޮސްޕިޓަލަށް ގެންދިއަކަށް ކަމަށް ހަބަރުތަކުން ބުނެއެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރުން ވަނީ އޭނާ މަރުވެފައިވާކަމަށް ނިންމާފައެވެ. މަރުވި ސަބަބު އަދި އާއިލާއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބައެއް ރިޕޯޓުތަކުގައި ބުނެފައިވަނީ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.
މިވަގުތު ޝިފާލީގެ ހަށިގަނޑު ވަނީ ޕޯސްޓްމޯޓަމް ހެދުމަށް ކޫޕަރ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި މުންބާއީ ފުލުހުން ވަނީ މައްސަލައިގެ އިބްތިދާއީ ތަހުގީގު ފަށައި، އޭނާގެ ގޭގެ މުވައްޒަފުންނާ ސުވާލުކުރަން ފަށާފައެވެ. އަދި ފޮރެންސިކް ޓީމެއް ވެސް ވަނީ އޭނާގެ ގެއަށް ފޮނުވާފައެވެ.
2002 ވަނަ އަހަރު ‘ކާންޓާ ލަގާ’ މިއުޒިކް ވީޑިއޯއިން މަޝްހޫރުވި ޝެފާލީ ވަނީ ސަލްމާން ޚާންގެ ‘މުޖްސެ ޝާދީ ކަރޯގީ’ ފިލްމުގައި ވެސް ރޯލެއް އަދާކޮށްފައެވެ. އަދި 2019 ގައި ‘ބޭބީ ކަމް ނާ’ ވެބް ސީރީޒްގައި ވެސް ފެނިގެން ގޮސްފައިވެއެވެ. މީގެ އިތުރުން ‘ބޫގީ ވޫގީ’ އަދި ‘ނާޗް ބަލިއޭ’ ފަދަ ޑާންސް ރިއަލިޓީ ޝޯތަކުގައި ވެސް ބައިވެރިވެފައިވެއެވެ.
ޝެފާލީ އަކީ ‘ބިގް ބޮސް 13’ ގެ ވާދަވެރިއެއްގެ ގޮތުގައި ވެސް ފެނިގެން ގޮސްފައިވާ ތަރިއެކެވެ.



