މި އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު ސައިފް އަލީ ޚާނުގެ ގެއަށް ވަގަކު ވަދެ، އޭނާއާ ތަޅާފޮޅުމުގެ ތެރޭގައި ވަޅިން ހަމަލާދިން މައްސަލައިގައި، އާންމުންގެ މެދުގައި އުފެދިފައިވާ ސުވާލުތަކަށް އޭނާ ޖަވާބު ދީފިއެވެ.
ސައިފް މި މައްސަލައާއި ގުޅޭގޮތުން ޕަބްލިކްގައި ވާހަކަދެއްކި މިއީ ފުރަތަމަ ފަހަރެވެ. އަދި މި ވާހަކަތައް ސައިފް ޓްވިންކަލް ޚާނަ އަދި ކަޖޯލްގެ ޝޯ “ޓޫ މަޗް” ގަ އެވެ.
“ކަރީނާ ބޭރުގައި އުޅެނިކޮށް އަހަރެން ކުދިންނާއެކު (ތައިމޫރު އަދި ޖެހް) ފިލްމެއް ބަލައި ނިންމާލީ. އެހެންވެ ރޭގަނޑު 2 ޖެހިއިރު ނިދަން އޮށޯތީ. ކަރީނާ އައުމުން ކުޑަކޮށް ވާހަކަދައްކާލުމަށްފަހު ނިދަން އޮށޯތީ. އެހެން އޮއްވާ މެއިޑް އައިސް ބުނީ ޖެހްގެ ކޮޓަރީގައި މީހަކު ހުރި ވާހަކަ. އޭނާގެ އަތުގައި ވަޅިއެއް އޮތް ކަމަށާއި ފައިސާ ބޭނުންވާ ކަމަށް ބުނާ ކަމަށް.” ސައިފް ކިޔައިދީފައިވެއެވެ.
އިތުރަށް ވާހަކަދައްކަމުން ސައިފް ބުނީ އެ އަޑު އިވުމާއެކު އެނދުން ތެދުވެ، އަނދިރީގައި ޖެހްގެ ކޮޓަރިއަށް ވަން ކަމަށެވެ. އެވަގުތު އެނދުގެ މަތީގައި ވަޅިއެއް ހިފައިގެން ހުރި މީހަކު ފެނުނު ކަމަށް ސައިފް ބުންޏެވެ. އަދި އެ މީހާ ވަޅި ހޫރުވަމުން ދިޔައިރު، ޖެހް އަދި ނެނީއަށްވެސް ވަޅީގެ އަނިޔާ ލިބުނު ކަމަށް ސައިފް ބުނެފައިވެއެވެ.
“އަހަރެން ހިތަށްއެރީ އޭނާއަކީ އަހަރެންނަށްވުރެ ބަލި މީހެއް ކަމަށް. އެހެންވެ އޭނާގެ ގައިގާ ހިފަހައްޓަން އުޅުނިން. އެކަމަކު އެއީ ހެދުނު ގޯހެއް. އަހަރެން އޭނާ ހިފަހައްޓަން އުޅުމުން ހަމަލާދޭން ފެށީ. އޭނާގެ އަތުގައި އޮތް ދެ ވަޅިން އަހަރެންނަށް ހަމަލާދޭން ފެށީ،” ސައިފް ބުނެފައިވެއެވެ.
މި ހާދިސާގައި ސައިފްގެ ނާރުތަކަށް ގެއްލުން ލިބުނު ކަމަށާއި، ހޮސްޕިޓަލަށް ދިޔައިރު ސްޓްރެޗަރެއް ބޭނުންވި ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ އަވަސް އިޖާބައެއް ނުލިބުމުން، އޭނާގެ ނަން ބުނުމުން ކަންކަން އަވަސްވެގެން ދިޔަ ކަމަށް ސައިފް ބުނެފައިވެއެވެ.