އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމަށް އަންނަ ބުރާސްފަތި ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ. މި ނިންމުން ނިންމާފައިވަނީ މަޖިލީހުގެ ރައީސް ޢަބްދުﷲ ޢަބްދުއްރަޙީމް އެވެ.
މީގެ އިތުރުން، މަޖިލީހުގެ މާލިއްޔަތު އަދި އިޤްތިޞާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ވަނީ ހަތަރު ޓެކްސް ބިލުގެ މަސައްކަތް މާދަމާގެ ނިޔަލަށް ނިންމުމަށް ފާސްކޮށްފައެވެ. މި ފާސްކުރުމުގައި 16 މެންބަރުން ވޯޓު ދެއްވާފައިވަނީ ފެންނަ ކަމަށެވެ.
މިއަހަރުގެ ބަޖެޓަކީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށްވާއިރު، މިހާތަނަށް ޚަރަދުކޮށްފައިވަނީ 37.4 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މިހާރު ވަނީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހަހަށް ހުށަހަޅާފައެވެ.