- Advertisement -ad image

ތުއްތުކުދިންގެ ހެދިބޮޑުވުމަށް ނަޒަރެއް!

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: އަންޖުމް އިސްމާއިލް މުހައްމަދު

ތުއްތުކުދިންނަކީ އެކުދިން އުފަންވީއްސުރެ ޢާއިލާގެ ގިނަ މެންބަރުންގެ ސަމާލުކަން ހޯދަމުންދާ ފަންނާނުންތަކެކެވެ. އެކުދިންގެ ކޮންމެ ހަރަކާތަކަށް ކަޅިއަޅަމުން ބަލަމުންދަނީ ފޯރިއާއި އެކީގައެވެ. އެތުއްތު ދަރީން ބޮޑުވަމުން އަންނައިރުދަސްކުރާ ހުނަރުތަކާ މެދު ވިސްނާ ފިކުރުކުރުމަކީ މައިންގެ އާދައެވެ. އަދި އެކޮއެމެންގެތަރައްގީގެ ހަލުވިކަމާއިމެދު ޝައްކުއުފެދި އެކަމާއި މެދު ފިކުރުބޮޑުވެ ނުތަވަސްވާ މަންޒަރުވެސް ފެންނަނީ މަދައްކުންނެއްނޫނެވެ. ޚާއްސަކޮށް ދުވަސްނުފުރާ ވިހާފައިވާ ތުއްތު ކުދިންގެ މައިންގެ ތެރޭގައި މިކަމަކީ މަޖުބޫރުމާއްދާއަކަށް ވަނީ ވެފައެވެ.

ތުއްތު ދަރިފުޅު މައިމީހާގެ ބަނޑުގައި އުފެދިގެންދަނީ އެކި މަސްތަކުގައި އެކި ވަރުވަރަށް، ކަނޑައެޅި ނިމިފައިވާ ޤުދުރަތީ ނިޒާމެއްގެ ދަށުންނެވެ. އަދި ދުވަސް ފުރާފުރިހަމަވެ ވިހާދުވަސް އައުމުންވެސް މައިމީހާގެ ހަށިގަނޑުން އެދަރިފުޅު ދުނިޔެއަށް މަރުހަބާކިޔުމަށްޓަކައި ދޮރު ހުޅުވާލަނީވެސް ހަމަ މި ޤުދުރަތީ ނިޒާމުންނެވެ. ނަމަވެސް، މި ނިޒާމަށް މެދުކެނޑުމެއް އައިސް، ދުވަސް ނުފުރައިވެސް އެކޮޔަށް މަރުހަބާ ކިޔަންޖެހޭތަން އާދެއެވެ. 

މިކުދިންގެ ތެރޭގައި ސިއްޙަތު ރަނގަޅު ކުދިންނާއި، އަދި ދުވަސްކޮޅެއްގައި އިނކިއުބޭޓާރގައި ވަޤުތު ހޭދަކޮށްލަންޖެހޭ ކުދިން ހިމެނެއެވެ. ނަމަވެސް މިހުރިހާ ކުދިންގެވެސް އެއްގޮތް ކަމަކީ، އެކުދިން އުފަންވާއިރު، ދުވަސް ހަމަވެ، ދުނިޔެއަށް ނޭވާލާ ކުދިންހާ ހަށިގަނޑު ހެދިބޮޑުވެފައި ނުވާކަމެވެ. ސައިޒުން ކުޑަވުމާއި، ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަށް މުޅިން ފުރިހަމަ ނުވުން އެކަށީގެންވެއެވެ. އެހެންކަމުން، އެކުދިންގެ ހެދިބޮޑުވުމާއި ތަރައްޤީ ވަޒަންކުރަންމިޖެހެނީ މިކަންކަމަށްވެސް ނަޒަރުހިންގަމުންނެވެ.

މިސާލެއްގެ ގޮތުން ބަނޑަށް 6 މަހުގައި އުފަންވާކުދިންގެ ހުނަރުތަކަށް ނަޒަރުހިންގާލަމާތޯއެވެ. އެކުއްޖާގެ ޢުމުރުން 9 މަހުގައި ކުއްޖާހެ (ތާރީޚީ ޢުމުރު/ޑިއު ޑޭޓް)ގެ ހެދިބޮޑުވުމުގެ ލަފާކުރެވޭ މިންވަރު 6 މަހުގެ ތުއްތު ކުއްޖެއްގެ (ޕްރިމެޗުއަރ އުމުރު) އާއި މާވައްތަރުވެއެވެ. އެހެނީ، އެކުދިން ދުނިޔެއަށް އުފަންވެފައިވަނީ 3 މަސް ކުރިން ކަމުގައިވާތީއެވެ. އަދި 8 މަހުގައި އުފަންވާ ކުދިންގެ ހެދިބޮޑުވުން، ދުވަސްފުރާ ވިހާ ކުއްޖަކާ އަޅާ ބަލާއިރު 1 ނުވަތަ 2 މަސް ލަސްކަން ފާހަގަވެދާނެއެވެ. ނަމަވެސް މިއީ އެކޮޔަށް އެކަށީގެންވާ ނޯމަލް މިންގަނޑެކެވެ. 

މިކަން މިހެން އޮތްކަމުގައިވިޔަސް، ތުއްތު ދަރިފުޅު އުފަންވި ހަފްތާތަކާއި އެކޮއިގެ ދިރިއުޅުމުގެ ތަރައްޤީ ތަމްސީލުކުރާނީ ޢުމުރުން 2 އަހަރު ހަމަވަންދެނެވެ. އެހާއިރަށް އެހެން ކުދިންނާއި ހެދިބޮޑުވުން އެއްހަމައެއްގައި ހުރުން ގާތްވާނެކަމަށް މިކަމުގެ ސްޕެޝަލިސްޓުން އެއްބަސްވެއެވެ. 

ތުއްތުކުދިންނަކީ ލޮލުކުރިމަތީ ބަލަހައްޓައިގެން ތިބޭރިރު ހެދިބޮޑުވެ، އެކިއެކި ހުނަރުތަށް ދަސްކޮށް ތަރައްޤީގެ ލާމަސީލު މިސާލެކެވެ. ދެދުވަހެއްގައި އެއްކަމެއް ނުކުރާތާ އަބަދު އާ ކަންކަން ދަސްކުރުމުގައި މުޅި ދުވަސް ހޭދަކުރާ ކުދިކުދި އީޖާދުވެރިންނެވެ. އެހެންކަމުން، އެތުއްތުކުދިންގެ މިއަޖާއިބުވަނިވި ދަތުރުގައި މާއޫސްކަންމަތީ ޣަރަގުވުމުގެ ބަދަލުގައި އެދަރިންނަށް ޙާސިލްކުރެވޭ އެންމެ ބޮޑެތި ކާމިޔާބީތަކާއި ތަޖުރިބާގެ ހުންގާނުގައި އުންމީދާއި ފޯރީގައި ސާބަސްދޭން ތިބެމާތޯއެވެ. މުހިންމީ ހެދިބޮޑުވުމުގެ ސްޕީޑެއްނޫނެވެ. ފިރުކެންވީމަ ފިރުކޭނެތާއެވެ. ދަތް ފަޅަންވީމަ ދަތްވެސް ފަޅާނެއެވެ. އިސާހިތަކު ހިނގައިގަނެ ދުއްވައިގަންނާނެއެވެ. މުހިންމީ އެކުދިންނާއި އެކު އޮއްޓަރުހުރި ރަނގަޅު ހަރުދަނާ ވަގުތުކޮޅެއް ހޭދަކޮށްލުންނޫންތޯއެވެ.

Reference: Illustrated textbook of Pediatrics (5th edition)

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ