- Advertisement -ad image

ސިކުނޑީގެ ދުޅަހެޔޮކަމަށް ކުރެވިދާނެ ދެތިންކަމެއް!

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: އަންޖުމް އިސްމާއިލް މުހައްމަދު

އާދެ! ނުލާހިކު ހަލުވި ކަމާއި އެކު ބަދަލުވަމުންދާ މި ދުނިޔޭގައި އަމިއްލަ ސިކުނޑީގެ ސިއްހަތާއި ދުޅަހެޔޮކަމަކީ އޭގެ އެންމެ ފުރިހަމައަށް ދެމެހެއްޓުމަށް ވަރަށްވެސް މުހިންމު ކަމެކެވެ. އެއީ ތަމްރީނު ކޮށްލެވޭ މަސްގަނޑެއް ފަދަ އެއްޗެއްކަމަށް ކަމުގެ މާހިރުން ބުނެއެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ކުޑަ ބަދަލަކުންވެސް ސިކުނޑީގެ ސިއްޙަތު ފަހި ވެގެންދާނެއެވެ. އެހެންކަމުން ސިކުނޑީގެ ބާރު އިތުރުކުރުމަށް ކުރެވިދާނެ ކަންކަމަކަށް ބަލާލަމާތޯއެވެ.

ސިކުނޑި ތާޒާ ކުރުވަނިވި ހަރަކާތްތަކުގައި މަޝްޢޫލުވުން

ހަނދާން ނެތުމާއި ސިކުނޑި އަށް ވަރުބަލިކަން އިޙްސާސްވުމަކީ ސިކުނޑީގެ ދުޅަހެޔޮކަން އެންމެ ރަނގަޅު ނޫންކަން ދައްކުވައިދޭ އެންމެ އާންމު ދެ ޢަލާމާތެވެ. އިތުރު އެހެން ބައްޔެއްގެ ސަބަބުން ނޫން ކަމުގައިވާނަމަ މި މައްސަލަ ޙައްލު ކޮށްލުމަށް ބޭނުންވާނީ ކޮންމެވެސް ކަހަލަ ގިނައިން ވިސްނަންޖެހޭފަދަ ހަރަކާތްތަކެއްގައި ބައިވެރިވުމެވެ. މިސާލަކަށް ޕަޒްލްތަކާއި، ހިސާބުގެ ކުޅިވަރާއި ނުވަތަ އާބަހެއް ދަސްކޮށްލާ ސިކުނޑިއަށް ކުޑަވަރެއްގެ ގޮންޖަހާލުމެކެވެ. 

ކަސްރަތު ކުރުން

ކަސްރަތު ކުރުމަކީ ދުވަހުގެ ތާވަލުގައި ގިނަ ބޭފުޅުންނަށް ހިމެނިފައިވާ ކަމެއްނޫންކަން ފާހަގަވެއެވެ. މާދަން މާދަން ކިޔާލަ ކިޔާލަ މަސްތަށް ފާއިތުވެގެންދާ މަންޒަރަކީ މަދުންފެންނަ މަންޒަރެއްނޫނެވެ. 

ނަމަވެސް، ކަސްރަތަކީ ހަމައެކަނި ތިމާމީހާ ހިއްކާލުމަށް ކުރާކަމެއްނޫނެވެ. އޭގެ ސަބަބުން ލޭ ދައުރުވުމާއި ކޮގްނިޓިވް ފަންކްޝަން ރަނގަޅުވެ، އާ ނިއުރޯންތައް ބޮޑުވުމަށް މަގުފަހިކޮށްދެއެވެ. ވުމާއިއެކު، އިތުރަށް ސިކުނޑި ހުޝިޔާރުކޮށްދީ، ކަންކަމަށް ދެވޭ ސަމާލުކަން އިތުރުވެ، ވިސްނަން ފަސޭހަކޮށްދީ، ދުވަހުގެ މޫޑު ރަނގަޅުކޮށްދޭ ކަމެކެވެ.

ސިކުނޑީގެ ދުޅަހެޔޮކަމާއި ގުޅޭ ޑައިޓެއް ގެންގުޅުން

ދުވަހުގެ ކާނާގެ ބާވަތްތަކަކީވެސް އަޅުގަނޑުމެންގެ ސިކުނޑީގެ ދުޅަހެޔޮކަމައް އެދެވޭ އަދި ނޭދެވޭ އަސަރު ގެނުވަފާނޭއެއްޗެކެވެ. 

ގިނައިން ހަކުރު އެކުލެވޭ ކާނާއާއި، ސިއްހަތަށް ގެއްލުންހުރި ސަރުބި ގިންއިން އެކުލެވޭ ކާނާއާއި، ތައްޔާރީ ކާނާ ގިނައިން ހިމެނޭ އިންފްލެމެޓަރީ ޑައިޓަކީ ހަނދާނާއި އުނގެނުން ދަށްވުމުގެ އިތުރުން އަލްޒައިމާ އަދި ޑިމެންޝިއާ ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުކޮށްދޭ ކަމެކެވެ.  އެހެންކަމުން މިފަދަ ގެއްލުން ހުރި ކެއުންތަށް ދޫކޮށްލުމަށްފަހު އެއްގަމުމާހާއި ކަނޑުމަހާއި، އެކި ވައްތަރުގެ ބަދަނާއި، މޭވާ، ތަރުކާރީ، އަދި އޮމެގާ-3 ފެޓީ އެސިޑް ބޭނުންކުރުން ވެގެންދާނީ ބުއްދިވެރި ހެޔޮ ބަދަލަކަށެވެ.

ދިވެހިންނަކީ އާންމުގޮތެއްގައިވެސަ ޕްރޮސެސްޑް ކާނާތައް ކާހިތްވާ ކޯކް ފެންޓާވަދަ ސުވީޓްނާރސް އާއި ހަކުރު އެކުލެވޭ އެއްޗިއްސަށް ކޮންމެވެސްވަރަކަށް ދެވިހިފާފައިވާ ބައެއްކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ފަހަކަށް އައިސް ސިއްޙަތަށް ވިސްނާ ދިރިއުޅުމުގައި ސިއްޙަތާއި ގުޅުންހުރި ވައްޓަފާޅިއެއްވެސް ގެންގުޅޭ މީހުން މަދު ނޫންކަންވެސް ފާހަގަވެއެވެ. އަޅުގަނޑުމެންގެ ސިކުނޑިއަށްޓަކައި ކުރިން ދެންނެވުނު ތައްޔާރީކާނާ ކެއުން ހުއްޓާލުން ވެގެންދާނީ އަގުވަޒަންކުރެވޭހާ ބޮޑު ޤުރުބާނީއަކަށްކަން ޔަޤީނެވެ.

މީގެ އިތުރުންވެސް ސިކުނޑީގެ ދުޅަހެޔޮކަމަށްޓަކައި ކުރެވިދާނެ އިތުރު ކަންކަމުގެ ތެރޭގައި ރަނގަޅަށް ނިދި ހަމަކުރުމާއި، ފިކުރު ބޮޑުވާފަދަ ކަންކަމުން ދުރުވުމާއި، ޓީވީ އާއި ފޯނާއި ދުރުވެ މީހުންނާއި މުޢާމަލާތުކޮށް، އަބަދުވެސް އިތުރު އެއްޗިހި ދަސްކޮށް އުނގެނުން ހިމެނެއެވެ. މިކަންކަމަކީ ސިކުނޑީގެ ވިސްނުމުގެ ބާރު ގަދަކޮށްދީ ވަށާޖެހި ދުޅަހެޔޮކަމަށް މުހިންމު ކަންކަމެވެ.

ދިރިއުޅުމުގެ މި ހަލަބޮލިކަމުގައި އަޅުގަނޑުމެންގެ މި ފަނާވަނިވި ހަށިގަނޑުގެ މައި ގުނަވަނަށް ދެވެނީ ވަރަށްވެސް ކުޑަ ސަމާލުކަމެއްކަން ފާހަގަކުރެވެއެވެ. އެ ސިކުނޑިއަށް ކުރާ ސްޓްރެސްއާއި ވަރުބަލިކަމުން އެރޯރުއިން އަޑުއަހަންވީ ދުވަހަކީ މިއީއެވެ. ދެން އަވަހަށް ބަދަންކޮޅެއްކާލަމާ ހިނގާށެވެ. އައު އުންމީދެއްގައެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. “ދެން އަވަހަށް ބަދަންކޮޅެއް ކާލަމާ ހިނގާށެވެ. އާ އުންމީދެއްގައެވެ.” ލިޔުންތެރިޔާ، އާރޓިކަލް ނިންމާލި މި ދެ ޖުމުލަ ވަރަށް ޓަޗީ ޢިނގޭ.

  2. […] އާދެ! ނުލާހިކު ހަލުވި ކަމާއި އެކު ބަދަލުވަމުންދާ މި ދުނިޔޭގައި އަމިއްލަ ސިކުނޑީގެ ސިއްހަތާއި ދުޅަހެޔޮކަމަކީ އޭގެ އެންމެ ފުރިހަމައަށް ދެމެހެއްޓުމަށް ވަރަށްވެސް މުހިންމު ކަމެކެވެ. އެއީ ތަމްރީނު ކޮށްލެވޭ މަސްގަނޑެއް ފަދަ… އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ