- Advertisement -ad image

ޕްރީޑައިބެޓީސް – ސަމާލުވަމާ!

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: އަންޖުމް އިސްމާއިލް މުހައްމަދު

ޕްރީޑައިބެޓީސް އަކީ ލޭގައި ހަކުރު ހުންނަ މިންވަރު އާންމު ޙާލަތަށް ވުރެ މަތިވެފައިހުރުމެވެ. އެކަމަކު އެއީ ހަކުރުބަލީގެ ޑައިގްނޯސިސްއެއްގެ ގޮތުގައި ޝަރުތު ހަމަވާ ވަރަށް މަތިކޮށް ނުދައްކާތީ ހަކުރުބަލީގެ ގޮތުގައި ފާހަގަ ނުކުރާ ޙާލަތެކެވެ. އަދި މިކަމަކީ އެއްވެސް ސާފު އަލާމާތެއް ފެންނަން ހުންނަ ކަމަކަށް ނުވާތީ ގިނަފަހަރަށް ބަލި ހުރިކަން ނޭނގި ޑައިބެޓީސް އަށް ބަދަލުވެގެންދިއުން އެކަށީގެންވެއެވެ.

ޕްރީޑައިބެޓީސް ޖެހުމަށް މެދުވެރިވާ ސަބަބުތަކަކީ ކޮބައިތޯއެވެ؟

ޕްރީޑައިބެޓީސް މި ބައްޔަކީ ކޮންމެ މީހަކަށް ވެސް ޖެހިދާނެފަދަ ބައްޔަކަށްވީނަމަވެސް، އެކިއެކި ސަބަބުތަކާއިހުރެ މި ބަލި ޖެހުމުގެ ފުރުސަތު އިތުރުވެދެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މިކަމަކީ ދިރިއުޅުމުގެ ވައްޓަފާޅިއާއި ޖެނެޓިކްސް އާއި ވަރަށް ބޮޑަށް ގުޅިފައިވާ ބައްޔެކެވެ. މި ބައްޔަށް މަގުފަހިވާ މައިގަނޑު ރިސްކް ފެކްޓާސް ތަކަށް ބަލާލަމާތޯއެވެ.

ޢުމުރު:
އުމުރުން 45 އަހަރުން މަތީގެ މީހުންނަށް ޕްރީޑައިބެޓީސް ޖެހުމުގެ ފުރުސަތު ބޮޑު ނަމަވެސް ކުރިއަށްވުރެ ގިނައިން ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނަށްވެސް މި ބައްޔާއި ހަކުރުބަލި ޖެހިފައިވާކަން ފަހުގެ ތަފާސްހިސާބުތަކުން ދައްކުވައިދެއެވެ.

ހަށިގަނޑުގެ ބަރުދަން:
ތިބާގެ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) 25 އަށް ވުރެ މަތިނަމަ ޕްރީޑައިބެޓީސް އަށް ސްކްރީން ކުރުން މުހިންމެވެ. ސަބަބކީ ބަރުދަނާއިއެކު ހަށިގަނޑުގައި ރައްކާކުރެވޭ ސަރުބިއާއި ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު އިތުރުވެގެންދާތީއެވެ.

ޑައިޓް:
ދިވެހިންނަކީ އާންމުކޮށްވެސް ކެއުންތަކުގައި ކަނޑުމަހާއި ކަންނެލިމަހުގެ ބާވަތްތަށް ބޭނުންކުރާ ބައެއްކަން ފާހަގަވެއެވެ. ނަމަވެސް ރަތް މަހާއި، ޕްރޮސެސްޑް މަހާއި، ހަކުރުން ފޮނިކޮށްފައިވާ ބުއިންތައް ބޭނުންކުރުމަކީ ޕްރީޑައިބެޓީސް ޖެހުމުގެ ނުރައްކާ އިތުރުވެދާނެ ކަންކަމެކެވެ.

މެޑިކަލް ހިސްޓްރީ
ބައެއް ބަލިތައް ތަހަންމަލު ކުރަމުންދާ މީހުންނަށްވެސް މި ބަލި ޖެހުމުގެ ނުރައްކާ ބޮޑެވެ. އޭގެ ތެރޭގައި، ނޮންއަލްކޮހޯލިކް ފެޓީ ލިވާ، މާބަނޑުދުވަސްވަރު ޖެހޭ ޑައިބެޓީސް (ގެސްޓޭޝަނަލް ޑައިބެޓީސް)، ޕީސީއޯއެސް، ލޭމައްޗަށް ދިޔުން އަދި ކޮލެސްޓްރޯލްގެ މައްސަލަތަށް ތަހަންމަލު ކުރަމުންދާ މީހުންނަށް ޕްރީޑައިބެޓީސް ޖެހުމުގެ ނުރައްކާ ބޮޑުވުން އެކަށީގެންވެއެވެ.

މީގެ އިތުރުންވެސް މި ބަލި ޖެހިގެންދިއުމުގެ ޗާންސް އިތުރުކޮށްދޭ ކަންތަކުގެތެރޭގައި ޢާއިލާގެ ގާތްމީހަކު ޚާއްސަކޮށް މަންމަ ނުވްތަ ބައްޕަގެ ޓައިޕް 2 ހަކުރުބަލި ހުރުމާއި، ސިނގިރެޓްފަދަ ދުންފަތުކެ އިސްތިއުމާލުކުރުމާއި އަދި މާ ގިނަގިނައިން ސްޓްރެސްވުމަކީވެސް ޕްރީޑައިބެޓީސް މިބަލި ޖެހުމުގެ ނުރައްކާ ބޮޑުވެގެނެދާނެ ކަންކަން ކަމުގައި ދިރާސާތަކުން ދައްކުވައިދެއެވެ.

މިބައްޔަކީ ބަލި ޖެހުނަސް މާބޮޑެތި އަލާމާތްތަށް ނުވަތަ ބައްޔަށް ޚާއްސަ އަލާމާތްތަށް ދައްކުވައިދޭ ބައްޔެއްނޫންކަމުން، މިކަމަށް ދޭންޖެހޭ ސަމާލުކަން ވަރަށް ބޮޑެވެ. ޚާއްސަކޮށް ކުރިން ދެންނެވުނު ފަދަ ރިސްކް ފެކްޓާސް ހުންނަ ބޭފުޅުން އިތުރަށް ސަމާލުވެ، ބަލިން ރައްކާތެރިވުމަށްޓަކައި ފިޔަވަޅުތަށް އަޅަން އެބަޖެހެއެވެ. ކޮށްލެވޭނެ ކަންތަށް މަދެއްނޫނެވެ. ކުރަން އެންމެ ބޮޑު އަދި އެންމެ އުނދަގޫވެގެންދާނޭ ކަމަކީ ދިރިއުޅުމުގެ ވައްޓަފާޅި (ލައިފްސްޓައިލް) އަށް ބަދަލު ގެނައުމެވެ. އެކަން ކުރަން މަޖުބޫރުވުމުގެ ކުރިން އަމިއްލައަށް ފެނިގެން ބަދަލުގެނައުން މާރަނގަޅު ނޫންތޯއެވެ. ކަސްރަތު ކުރުމާއި، ދުޅަހެޔޮ ކާނާ ކެއުމާއި، ދުންފަތާއި ދުރުވުން މިއީ ކޮށްލެވިދާނެ ދެތިން ކަމެކެވެ. އަދި އެއްވެސް ކަހަލަ ޝައްކެއް ވަސްވާހެއް އަންނަނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުން މުހިންމެވެ. ރައްކާވެ ތިބިއްޔާ ދަތުރުތާއެވެ

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. […] ޕްރީޑައިބެޓީސް އަކީ ލޭގައި ހަކުރު ހުންނަ މިންވަރު އާންމު ޙާލަތަށް ވުރެ މަތިވެފައިހުރުމެވެ. އެކަމަކު އެއީ ހަކުރުބަލީގެ ޑައިގްނޯސިސްއެއްގެ ގޮތުގައި ޝަރުތު ހަމަވާ ވަރަށް މަތިކޮށް ނުދައްކާތީ ހަކުރުބަލީގެ ގޮތުގައި ފާހަގަ… އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ