- Advertisement -ad image

މާބަނޑުއިރު ބަރުވާނެ. އެކަމަކު ކިހާވަރަކަށް?

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: އަންޖުމް އިސްމާއިލް މުހައްމަދު

މާބަނޑު ދުވަސްވަރުގައި އެކި އަންހެނުންގެ ބަރުދަން އިތުރުވާނީ އެކި ވަރުވަރަށެވެ. އެވްރެޖަށް ބަލާނަމަ އާންމުގޮތެއްގައި މި ބަރުދަން 10 ކިލޯ އާއި 12.5 ކިލޯ އާއި ދެމެދުގެ މިންވަރަކަށް އިތުރުވާއިރު، ބަރުދަނަށް ފާހަގަވާވަރުގެ ބަދަލެއް އަންނަތަން ފެނިގެންދަނީ 20 ވަނަ ހަފްތާއަށް ފަހުގައެވެ. އެއީ ގާތްގަނޑަކަށް 5ވަނަ މަހުގެ މެދުތެރޭގައެވެ.

މައިމީހާގެ ހަށިގަނޑަށް އިތުރުވެގެންދާ ބަރުދަނުގެ ބޮޑުބައެއް ޖެހެނީ ބަނޑުގައިވާ ތުއްތު ދަރިފުޅުގެ ބަރުދަނަށްކަމުގައި ވީނަމްވެސް، މައިމީހާގެ އަމިއްލަ ހަށިގަނޑުގައިވެސް ކޮންމެވެސް ވަރަކަށް ސަރުބީ ރައްކާކުރެވެމުން ދާނެއެވެ. މި ސަރުބިއަކީ ދަރިފުޅު އުފަންވުމުން އެކޮޔަށް ބޭނުންވާ ކާނާ މައިމީހާގެ ހަށިގަނޑުގައި އުފެއްދުމަށްޓަމައި ކުރިއާލައި ވެވޭ ތައްޔާރީއެއްކަމުގައިވެއެވެ.

ފާހަގަ ކޮށްލަން މުހިންމު އެއް ނުކުތާއަކީ، މާގިނައިން ނުވަތަ މާ މަދުން ބަރުދަން އިތުރުވުމަކީ ތިމާއަށް ނުވަތަ ބަނޑުގައިވާ ދަރިފުޅަށްވެސް ސިއްހީ މައްސަލަތަކެއް ކުރިމަތިވުން އެކަށީގެންވާ ކަންކަން ކަމެވެ. އެހެންކަމުން އުފެދޭ ސުވާލަކީ، މާބަނޑުމީހެއްގެ ހައިސިއްޔަތުން ތިމާމީހާ ބަރުވާންވީ ކިހާވަރަކަށްބާއެވެ.

މާބޮޑަށް ބަރުވުން:

މާބަނޑުއިރު ބަރުވިއެއްކަމަކު، މާބޮޑަށް ބަރުދަން އިތުރުވެގެން ދިއުމަކީ މި ނާޒުކު ދުވަސްވަފުވެސް ތަފާތު އެކިއެކި ތަކުލީފުތަކާއި ސިއްޙީ މައްސަލަތައް ދިމާވެދާނެ ކަމެއްކަމަށް ކަމުގެ މާހިރުން ވިދާޅުވެއެވެ. އޭގެތެރޭގައި ލޭގެ ޕްރެޝަރ މަތިވުމާއި، އެކިއެކި އުނދަގޫތަކާއި ކުރިމަތިލާންޖެހޭތަން އާދެއެވެ. އޭގެ ތެރޭގައި ގެސްޓޭޝަނަލް ޑައިބެޓީސް މިއީ އާންމުކޮށް ފެންނަ ނުރައްކާތެރި ބައްޔެކެވެ.

މާ މަދުން ބަރުދަން އިތުރުވުން

ބަރުދަން އެކަށޭނަ ވަރަށް އިތުރުނުވުމަކީ ދުވަސް ނުފުރާ ވިހެއުމާއި އުފަންވާ ދަރިފުޅުގެވެސް ބަރުދަން ދަށްކޮށް (އުފަންވާއިރު 2.5 ކިލޯ މަދުން) ހުރުމުގެ ނުރައްކާ ކުރިމަތިވެދާނެ ކަމެކެވެ.

 އަދި ހަށިގަނޑުގައި އެކަށީގެންވާ ވަރަށް ސަރުބީ ރައްކާ ނުކުރެވުމުގެ ސަބަބުން ގާތުން ކިރުދިނުމަށްވެސް ހުރަސްތަކަކާއި ކުރިމަތިލާން ޖޭހޭ މައިންވެސް މަދެއްނޫނެވެ.

އެކަމަކު ގުދުރަތީ ގޮތުން އެބައެއްގެ ހަށިގަނޑުގެ ބޮޑީޓައިޕް އާއި ހުރެ ބައެއް އަންހެނުން ބަލިވެއިނުމުގައި މާބޮޑުތަނެއް ބަރުނުވާ ޙާލު، ދުޅަހެޔޮ ކުދިން ލިބޭކަން ފާހަގަކުރެވެއެވެ. 

އެހެންވީމަ ބަރުވާންވީ ކިހާވަރަކަށް?

މިސުވާލުގެ ޖަވާބު އެންމެ ބޮޑަށް ބިނާވަނީ ބަލިވެ އިނުމުގެ ކުރިން ތިމާމީހާ ހުރި ބަރުދަނަށެވެ. ބަލިވެ އިނުމުގެ ކުރިން ތިމާގެ ބީ.އެމް.އައި (އިސްކޮޅާއި ބަރުދަނަށް ބަލައިގެން ހަށިގަނޑުގައި ހުންނަ ސަރުބީ ވަޒަންކުރާ ގޮތް) ހުރި ވަރު ވަރަށް ބޮޑު ރޯލެއް އަދާކުރާނެއެވެ. 

ބަލިވެ އިނުމުގެ ކުރިން ބީއެމްއައި މާ ލުއިކޮށް ދައްކާނަމަ (18.5 އަށްވުރެ މަދުން) މާބަނޑު ދުވަސްވަރު 11-18 ކިލޯ، އެންމެ ރަނގަޅު ބީއެމްއައި (18.5-25) ނަމަ 11-15 ކިލޯ، އެވްރެޖް އަށްވުރެ ބަރުކޮށް އެހެނީ އޯވާރވެއިޓް ބީއެމްއައި (25-29.9) ކޮށް ދައްކާނަމަ 6-11 ކިލޯ އަދި ބީއެމްއައި 30 އަށްވުރެ މަތިނަމަ 4-9 ކިލޯއާއި ދެމެދު ބަރުދަން އިތުރު ކުރަންޖެހޭނެ ކަމަށް ޑޮކްޓަރުން ލަފާދެއްވައެވެ. އެއްމާބަނޑު ދެކުދިންނަމަ މި އަދަދުތައް ވަރަށްބޮޑުތަން ބަދަލުވެގެންދާނެއެވެ.

ތިމާގެ ބީއެމްއައި ހުރި ވަރު ބަލައި، ބަރުވާންއޮންނަ ރޭންޖް 9 މަހަށް ބަހާލާށެވެ. އޭރުން ކޮންމެ މަހަކުވެސް ބަރުވާންވީ ވަރު ދެނެގަނެވިދާނެތާއެވެ. 

އެހެންކަމުން، ބަލިވެ އިންކަން އެނގުނުހާ އަވަހަށް ކުރިއަށް އޮތް މަސްތަކުގައި ބަރުވާންވީ ކިހާވަރަކަށްތޯ ޑޮކްޓަރު ގާތުން އަހައި ލަފާހޯދުން މުހިންމެވެ. މާބަރު ބީއެމްއައި އެއް ހުންނަ އަންހެނުން ގާތު ކުޑަކޮށް ލުއިވުމަށްޓަކައި މަސައްކަތް ކުރަންވެސް ލަފާދީފައި އެބަހުއްޓެވެ. އަދި މިކަން އެންމެ ރައްކާތެރި ގޮތުގައި ކުރާނޭ ގޮތްވެސް ކިޔާލަދެއްވާނެއެވެ.

ހަނދާންކުރަންޖެހޭ އެއް ނުކުތާއަކީ، ބަލިވެ އިނުމަކީ ޑައިޓް ކުރަންވީ ވަގުތެއް ނޫން ކަމެވެ. ނަމަވެސް ކެއުމަށް ބަލައި ހަކުރުލީ އެއްޗިއްސާއި ތެލުލި އެއްޗިއްސާއި ދުރުވާންވާނެއެވެ. ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަކީ މުހިންމު ކަމެކެވެ. އަދި ޑޮކްޓަރުގެ ލަފާގެ މަތިން ކަސްރަތު ކުރުމާއި ހަރަކާތްތެރި ވުމަކީވެސް ދުޅަހެޔޮކޮށް ހަށިގަނޑު ބަހައްޓައިދީ ވިހެއުމަށްވެސް އެ ހަށިގަނޑު ތައްޔާރުކުރާނޭ ކަމެކެވެ.

ބަލިވެތިބި އުޚުތުންނަށް ބުނެލަން އޮތީ، މާބަނޑުވުމަކީ މާގިނައިން ކެއުމަށް ލިބޭ އުޒުރެއްނޫނެވެ. އަދި ފަލަވެދާނެތީ ބިރުގަންނަންވީ ސަބަބެއްވެސް ނޫނެވެ. ބަލިވެ އިންނަ ދުވަސްވަރު ވަރަށް ތަފާތު އެއްޗިހި ކަވައިގަނެ ކްރޭވިންގްސް ވެސް އިންތިހާއަށް އަންނާނެއެވެ. ނަމަވެސް ނަފްސް ކޮންޓްރޯލް ކުރުމާއި ދޫދިނުމުގައި މެދުމިނެއް ހޯދަން އެބަޖެހެއެވެ. ޚާއްސަކޮށް ބަރުވާން އެކަށޭނަ ވަރަށްވުރެ ބަރު ވާނަމައެވެ. ބަނޑުގައިވާ ތުއްތު ދަރިފުޅަށާއި އަމިއްލަ ނަފްސުގެ ދުޅަހެޔޮކަމަށްޓަކައެވެ.

މަޢުލޫމާތު ނަގާފައިވަނީ: ނޭޝަނަލް ހެލްތް ސާރވިސެސް (އެން.އެޗް.އެސް) ވެބްސައިޓިން

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ