- Advertisement -ad image

ކުޑައިރު ބޮލުގައި ކާށިތެޔޮ ލީ ކޮންބައެއް؟

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: އަންޖުމް އިސްމާއިލް މުހައްމަދު

ކާށިތެލަކީ އިސްތަށީގެ ސިއްޙަތަށް ޚާއްޞަ ނަންމަޝްހޫރު ތެލެކެވެ. ތަފާތު ވަހެއް އެކުލެވޭ މި ތެލަކީ ބައެއް މީހުން ކުޑައިރުއްސުރެ އަދާ ޖެހެންދެންވެސް ބޭނުންކުރަމުންދާ ތެލެއްކަން ފާހަގަކުރެވެއެވެ. ނަމަވެސް އަނެއްބައި މީހުންނަށް މިތެލުގައި ދުވާ ވަސް ކަމުނުދާތީވެ ބޭނުންކުރުން ހުއްޓާލާ މަންޒަރުވެސް ފެންނަލެއް މަދެއްނޫނެވެ. މިކަމަށް ހައްލެއް އޮތްތޯ ބެލުމުގެ ކުރިން ކާށިތެލުން ލިބޭ ދެތިން ފައިދާއަށް ނަޒަރެއް ހިންގާލަމާތޯއެވެ. 

ގިނަ އަދަދަކަށް ފެޓީ އެސިޑް އެކުލެވޭ މިތެލުން އިސްތަށިގަނޑާއި، އިސްތަށިގަނޑުގެ ބުޑުތަކަށް ތެތްކަން ވަރަށް ފުރިހަމައަށް ގެނުވައިދޭކަން ފާހަގަކުރެވެއެވެ. އެއީ އިސްތަށިގަނޑުގައި ހުންނަ ޕްރޮޓީން އެއްހަމައެއްގައި ބަހައްޓައިދޭ، ލޭއާއި ނިއުޓްރިއެންޓްސް، އަދި އޮކްސިޖަން ބޮލުގެ އިސްތަށިގަނޑުގެ ފަށަލައަށް ދައުރުވުމަށް ފަސޭހަކޮށްދޭ އެއްޗެއްކަމަށްވެސް ދިރާސާތަކުން ދައްކުވައިދެއެވެ.

ހަފްތާއަކު ދެފަހަރު ގަވާއިދުން ކާށިތެޔޮ ބޭނުންކުރުމުން، އިސްތަށިގަނޑަށް ކާނާ ލިއްބައިދީ ޖައްވުގެ ހިއުމިޑިޓީއިން އިސްތަށިގަނޑު ރައްކާތެރިކޮށްދޭކަން ފާހަގަވުން އެކަށީގެންވެއެވެ. އަދި ފާހަގަކޮށްލަން އޮތް އެއްކަމަކީ، މިއީ ބޮލުގެ ހަންފޮޅުމަށާއި އިސްތަށިފޭބުމަށްވެސް ވާ ފައިދާހުރި ހައްލެއްކަމެވެ. 

ދިރާސާތަކުން ދައްކާގޮތުގައި، ކާށިތެލުގައި ގުދުރަތީ އެސްޕީއެފް 8 އެކުލެވިފައިވާތީ، އެހެނިހެން ތެލަށްވުރެ އިރުގެ އަލިން އިސްތަށިގަނޑަށް ލިއްބައިދޭ ރައްކާތެރިކަން އިތުރުކޮށްދެއެވެ. ރާއްޖެފަދަ ހޫނާއި ހިއުމިޑިޓީ އިންތިހާއަށް ގަދަ ޤައުމެއްގައި މިތެޔޮވެގެންދާނީ އިސްތަށިގަނޑަށް ރަނގަޅު ގުދުރަތީ ސަންބްލޮކަކަށްނޫންތޯއެވެ.ދެން މިތެޔޮ ބޭނުންކޮށްލެވޭނެ އެކިގޮތްގޮތަށް ބަލާލަމާތޯއެވެ. 

ކޮންޑިޝަން ކުރުމަށް: 

އިސްތަށިގަނޑު ދޮވެ ޝޭމްޕޫލައި ދޮވެ ސާފުކުރުމަށްފަހު، އިސްތަށިގަނޑުގެ ބުޑުން ފެށިގެން ކޮޅުތަކާ ހަމައަށް ކާށިތެޔޮ އުނގުޅާފައި، ފުނާއަޅާލާށެވެ. މިއީ އިސްތަށިގަނޑުގައި ހުންނަ ގޮށްތައް ނައްޓުވާލުމަށް އެހީތެރިވެދީ، ފުނާއަޅާއިރު އިސްތަށިގަނޑަށް ވެދާނެ އެއްވެސް ގެއްލުމަކުން ރައްކާތެރިކަންދޭ ކަމެއްކަމަށް ފާހަގަކުރެވެއެވެ.

ޕްރީ ވޮޝް ރޫޓީން: 

މިއީ ކާށިތެލުން ވަސްދުވާތީ ބޭނުން ކުރުމުން ދުރުހެލިވެ އުޅޭ މީހުންނަށް ހުރި ހައްލެކެވެ. އިސްތަށިގަނޑު ދޮވުމުގެ ކުރިން އިސްތަށިގަނޑުގެ ބުޑާއި ބޮލިގެ ހަނގަނޑު ރަނގަޅަށް މަސާޖު ކޮށްލާށެވެ. ތެޔޮފޮދު ކޮންމެވެސް ވަރަކަށް ހޫނުކޮށްލުމުން ފައިދާ އިތުރުވާނޭކަމަށްވެސް ބައެއް މީހުން ލަފާދީފައިވެއެވެ. ދެން 15 ނުވަރަ 20 ވަރަކަށް މިނިޓު ކޮށްލުމަށްފަހު ބޯދޮވެލުމުން އެނިމުނީއެވެ.

ބޮލަށާއި އިސްތަށިގަނޑުގެ ކާނާ ހޯދުމަށް ނައިޓް ރޫޓީން

ނިދަން އޮށޯތުމުގެ ކުރިން ކާށިތެޔޮ މަޑުމަޑުން ބޮލުގެ އިސްތަށިގަނޑަށް މަސާޖުކޮށްލާށެވެ. ކުރިން ދެންނެވުނު ފަދައިން ކުޑަކޮށް ހޫނުކޮށްލައިގެންވެސް ބޭނުން ކުރެވިދާނެއެވެ. ސެޓިން ފޮތީގެ ކެޕެއް ނުވަތަ ބޮޑު ފުޅާ ފޮތިގަނޑަކުން އިސްތަށިގަނޑު ބަނދުކޮށްލުމަށްފަހު ނިދާލާށެވެ. ދެން ހެނދުނު ދޮވެލާނީއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، އަޅުގަނޑުމެންގެ ތެރޭގައި ފަހަކަށްއައިސް އެކިއެކި ކެމިކަލް އެކުލެވޭ ޒާތްޒާތުގެ އެއްޗިހި ބޭނުންކުރެވޭލެއް ގިނަކަމެވެ. އޭގެ ސަބަބުން އިސްތަށިގަނޑަށް އެކިއެކި ސައިޑްއިފެކްޓްސް ގެ ނޭދެވޭއަސަރު ކުރުންވެސް އެކަށީގެންވެއެވެ. ނަމަވެސް ކާށިތެލަކީ ގުދުރަތީ ޙައްލެކެވެ. ބޭނުންނަމަ އަމިއްލައަށްވެސް ހަދާލެވިދާނެއެވެ. ރުއްތައް މަދެއްނޫންތާއެވެ. އެހަދާނެގޮތުގެ ތަފްސީލް އެއީ އެހެން ދުވަހެއްގެ ލިއުމެއްކަމުން އިންތިޒާަރުކޮށްލައްވާށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. […] ކާށިތެލަކީ އިސްތަށީގެ ސިއްޙަތަށް ޚާއްޞަ ނަންމަޝްހޫރު ތެލެކެވެ. ތަފާތު ވަހެއް އެކުލެވޭ މި ތެލަކީ ބައެއް މީހުން ކުޑައިރުއްސުރެ އަދާ ޖެހެންދެންވެސް ބޭނުންކުރަމުންދާ ތެލެއްކަން ފާހަގަކުރެވެއެވެ…. އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ