- Advertisement -ad image

ކުޑަކުދިންނާއި މައިގްރެއިން!

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: އަންޖުމް އިސްމާއިލް މުހައްމަދު

މައިގްރެއިން ބޮލުގައި ރިއްސުމަކަށް ވަކި ޢުމުރެއް ނޯވެއެވެ. ހަމަ އެބީދައިން، ތުއްތު ކުދިންނާއި ކުޑަކުދިންނަކީ މިކަމުން ބަރީޢަވެފަވާ ބައެއްނޫނެވެ. ޢާންމުގޮތެއްގައި ޢާއިލީގޮތުން ވާރުތަވާ މި ބައްޔަކީ ތުއްތު ދަރިފުޅަށާއި މައިމީހާއަށްވެސް ވޭނީ ދުވަސްތަކެއް ކުރިމަތިލާންޖެހިފައިވާ ބައްޔެއްކަމުން، ތުއްތުކުދިންގެ މައިގްރެއިން ފާހަގަކޮށް ދަރިފުޅަށް ލުއި ހޯދުމަށް މައިންބަފައިންނަށް ކުރެވޭނީ ކޮންކަމެއްތޯ ބަލާލަމާ ހެއްޔެވެ؟

ތުއްތު ކުދިންގެ މައިގްރެއިން ދެނެގަންނާނީ ކިހިނެތް ހެއްޔެވެ؟

ވަރަށް ތުއްތު ކުއްޖެއްނަމަ އާދައާއި ޚިލާފަށް ރޯނެއެވެ. ޢާންމުގޮތެއްގައި މައިންނަށް އެކުދިންގެ ރުއިމުގައި ތަފާތެއްވާނަމަ ދެނެގަނެވޭނެއެވެ. 2 އަހަރު ހިސާބު ކުދިން މޫޑު ގޯސްވެ، ރުޅިގަދަވެ، ބޮލުގަ ނުވަތަ ބަނޑުގައި ހިފައިގެން ރޮއެ އަދި ޢަމަލުތަށް މަޑުވުން ހިމެނެއެވެ. ބައެއްކުދިން ބޮލަށާއި ބަނޑަށް އިޝާރާތްކޮށް އެކުދިންގެ ބަހުރުވައިން އައްދޮވާ ވާހަކަވެސް ބުނެފާނެއެވެ. މައިންބަފައިންނަކީ މައިގްރެއިންގެ ޝިކާރައަކަށްވެފައިވާ ބައެއްނަމަ، ތުއްތު ކުދިންގެ މިފަދަ ޢަލާމާތްތަކަށް ވަރަށް ބޮޑަށް ސަމާލުވާންވާނެއެވެ.

މައިގްރެއިން ބޮލުގަ ރިހުން ފެށިގަތުމުން ދެން ވާނީ ކިހިނެތް؟

ބޮލުގައި ރިއްސުން ފެށުމާއިގެން އައްޔަށާއި، ގަދަވަސްވަހަށާއި ނުވަތަ އަޑުތަކުން އުނދަގޫވެ ތަދު ބޮޑުވާހެން އިހުސާސްވުން އެކަށީގެންވެއެވެ. ބައެއް ފަހަރު ދުވަހުގެ ރޫޓިންއާއި އެއްގޮތަށް ކުރިއަށް ގެންދަން މަސައްކަތް ކޮށްފިނަމަ ބުރަކަން އިޙްސާސްވެ މޭނުބައިކޮށް ހޮޑުލުން ފަދަ ކަންކަން މެދުވެރިވެދާނެ އެވެ. އެކިއެކި ޙަރަކާތްތަކުގައި އުޅެންހަދައިގެން ތަދު އިތުރަށް ބޮޑުވުންވެސް އެކަށީގެންވެއެވެ. ނާސަރީ، ޕްރީސްކޫލާއި އަދި ސްކޫލަށް ދާ ކުއްޖެއްނަމަ އެންމެ ރަނގަޅުވާނީ އެދުވަހުގެ ކްލާސްތަށް ސްކިޕް ކޮށްލުމެވެ. 

ގޭގައި ދެވިދާނެ ފަރުވާތަކަކީ ކޮބާ؟

މައިގްރެއިންގެ ފުރަތަމަ އަލާމާތް ފެނުމުން ގޭގައި ފަރުވާ ފެއްޓަންވާނެއެވެ. ދަރިފުޅު ހަމަހިމޭން ތަނަކަށް ގެންގޮސް ކޮޓަރި އަނދިރި ކޮށްލާ އަރާމުކޮށްލަން އެނދުގައި ބާއްވާލެވިދާނެއެވެ. ގިނަ ފަހަރަށް ބޮލުގައި ރިއްސުން ފިލައިގެން ދާނީ އަރާމުކުރުމަށްފަހު ނުވަތަ ނިދުމަށްފަހުގައެވެ. އެހެންކަމުން ފެންފޮދެއް، ޖޫސްފޮދެއް ނުވަތަ ބުއްފުޅި ބޯލުމަށްފަހު ނިދާތޯ މަސައްކަށް ފެއްޓުން ބުއްދިވެރިއެވެ.

ތުއްތު ކުއްޖާއަށް މިވަނީ ކީއްކަން އޭގެ ފުރިހަމަގޮތުގައި ނޭގުން އެކަށީގެންވެއެވެ. އަދި ރުޅި މޫޑާއި އެކީ ޓީވީ އަދި ފޯން ފަދައެއްޗިއްސަށް ކިޔައި ބޮޑާހާކަން ފައްޓަފާނެއެވެ. މިވަޤުތަކީ ސްކްރީންސް އާއި ކުދިން އެންމެ ދުރުކުރަންވީ ވަޤުތެވެ. ބޮލުގައި ރިއްސާ ވަގުތު ޓީވީ ބަލާ ނުވަތަ މާބޮޑަށް ހަރަކާތްތެރިވުމުން ރިއްސުން އިތުރަށް ގޯސްވެދާނެ ކަމެއްކަން ދަރިފުޅަށް އަންގައިދެވޭތޯ ބަލައި ވީހާވެސް އަވަހަކަށް މަސަލަސްކޮށް ނިންދެވޭތޯ ބަލަންވާނެއެވެ.

ތުއްތު ކުދިންނަށް މައިގްރެއިން އަށް ޚާއްސަ ބޭސް ލިޔެފައި ނުވާނަމަ ދަރިފުޅަށް ތަދު ފިލުވާ އެއްޗެއް ކަމަށްވާ ޕެރަސިޓަމޯލް ފަދަ އެއްޗެއް ދޭން ޑޮކްޓަރުން ލަފާދެއްވަފާނެއެވެ. އެހެންކަމުގައިވާނަމަ، މައިގްރެއިންގެ ފުރަތަމަ އަލާމާތް ފެނުމުން ދަރިފުޅު އެ ބޭސް ދޭންވާނެއެވެ. މިއީ ބޮލުގައި ރިއްސުން ގޯސްވުމުގެ ކުރިން ހުއްޓުވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

އެހެންނަމަވެސް، ބޮލުގައި ރިއްސާ ރިއްސުމަށް ދަރިފުޅު މާގިނައިން ބޭސް ބޯން ދޫކޮށްނުލާށެވެ. ދަރިފުޅުގެ ބޮލުގައި ރިއްސުން ހުއްޓުވުމަށް ހަފްތާއަކު 2 ދުވަހަށްވުރެ ގިނައިން ބޭސް ބޭނުންކުރާނަމަ ދަރިފުޅުގެ ޑޮކްޓަރާ ވާހަކަ ދައްކާ މަޝްވަރާކުރަންވާނެއެވެ. މާގިނައިން ތަދު ފިލުވާ ބޭސް ބޭނުންކުރުމަކީ ބޮލުގައި ރިއްސުން އިތުރުވެދާނެ ކަމެއްކަމަށްވެސް ޑޮކްޓަރުން ބުނެފައިވެއެވެ.

ބޮލުގައި ރިއްސާ ފަޅީގައި ފިނި، ތެތް ފޮތިގަނޑެއް ނުވަތަ އައިސް ޕެކެއް އަޅާލެވިދާނެއެވެ. އަދި އެއަށްފަހު ބޯ މޮޑެދިނުމުން ފުދޭވަރެއްގެ ލުޔެއް ލިބި ނިދަންވެސް ފަސޭހަވެގެންދިއުން އެކަށީގެންވެއެވެ.

މީގެ އިތުރުން ޙިޖާމާ ފަދަ ފަރުވާ ތަކުންވެސް މައިގްރެއިން ބައްޔަށް ގާތްގަޑަކަށް ދާއިމީ ޙައްލެއް ލިބޭކަމަށް ދައުވާ ކުރާމީހުންވެސް މަދެއްނޫނެވެ.

މައިގްރެއިން އިން ރައްކާތެރިވެވޭނެ ހެއްޔެވެ؟

 މައިގްރެއިން އަކީ، އެއާއި މެދު މަޢުލޫމާތު ހޯދި ވަރަކަށް ސަމާލުވާން ފަސޭހަވާ ބައްޔެކެވެ. ބޮޑެތިމީހުންނާއި އެއްގޮތަށް ކުޑަކުދިންނަށްވެސް މައިގްރެއިން ޖެހޭ ޚައްސަ ޓްރިގާރސް ތަކެއް ވާނެއެވެ. ބެލެނިވެރިންގެ ޙައިސިއްޔަތުން އެ ޓްރިގާރސް ތަށް ފާހަގަވާ ވަރަކުން ރެކޯޑްކޮށް، އެކަންކަމުން އެކުދިން ދުރުކުރެވިދާނެއެވެ.  

ގިނައިރު ކޮމްޕިއުޓަރު ބޭނުންކުރުން އަދި މާގިނައިން ސްކްރީނަށް ބެލުން ފަދަ ކަންކަމަކީ މައިގްރެއިން މަގުފަހިކޮށްދޭ ކަންކަމަށް ވާތީ، އެފަދަ ހަރަކާތްތަކުން ދަރިފުޅު ދުރުކޮށް ނުވަތަ ރަނގަޅަށް މޮނިޓަރ ކުރަމުން ބްރޭކް ދެމުން ކުރިއަށް ގެންދިޔުން ބުއްދިވެރިއެވެ. ބައެއް ކާނާތަކަކީ ޓްރިގަރސް އެއްޗެހިނަމަ އެ ކާނާތައް ދޫކޮށްލުމަށް ކުއްޖާއަށް ނަސޭޙަތްތެރިވެ ފަރުވާތެރިވާނަވާނެއެވެ. ބައެއް މީހުންނަށް ފެންނަ ގޮތުގައި ކެފެއިން ހުންނަ ކެއުންތަކާ ގަދަ ވަސްތަކުން ދުރުހެލިވުމުންވެސް މައިގްރެއިން އިން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ.

ވީހާވެސް ގިނައިން ފެން ދެވޭތޯ ބަލައި ދަރިފުޅުގެ ނިދިވެސް ހަމަވޭތޯ ބަލަންވާނެއެވެ. ރޭގަނޑު ރަނގަޅަށް ނުނިދޭނަމަ ދުވާލުގަޑީގަވެސް ނެޕެއް ނަގާލުން ރަނގަޅެވެ. މިކަމަށް އޮތީ ހޭލުންތެރިވި ވަރެކެވެ. ގޭގައިވެސް ދެވިދާނެ ފަރުވާތަށް ހޯދައި ދިރާސާކުރުމެވެ. އެކުއްޖަކަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ ކޮންފަރުވާއެއްތޯ ދެނެގަތުމެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. […] މައިގްރެއިން ބޮލުގައި ރިއްސުމަކަށް ވަކި ޢުމުރެއް ނޯވެއެވެ. ހަމަ އެބީދައިން، ތުއްތު ކުދިންނާއި ކުޑަކުދިންނަކީ މިކަމުން ބަރީޢަވެފަވާ ބައެއްނޫނެވެ. ޢާންމުގޮތެއްގައި ޢާއިލީގޮތުން ވާރުތަވާ މި ބައްޔަކީ ތުއްތު ދަރިފުޅަށާއި… އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ