- Advertisement -ad image

ކޮބާ އަހަރު ނިމެނީނު. ދުވަންދާނަމޭ ބުނި “މާދަމާ” އަތުވެއްޖެބާ!

ad image

ގުޅުންހުރި ލިޔުންތައް

ކަސްރަތާއި، ޙަރަކާތްތެރިވުމާއި، ސިއްޙަތަށް ބަލަން ‘މާދަމާ’ ފަށައިގަންނާނެ ވާހަކަ، މިއީ ވަރަށް ގިނައިން މީހުންނަށް ބުނެވޭ ބަސްކޮޅެކެވެ. މިހެން ބުނެވެނީވެސް ހަމަ ހަށިގަނޑަށް ހެޔޮ ބަދަލެއް ބޭނުންވާތީއެވެ. އެކަން ޤަބޫލުކުރެވެއެވެ. ނަމަވެސް މި ނަންގަނެވޭ މާދަމާ ނާންނަނީ ކީއްވެބާއެވެ?

ކަސްރަތު ނުވަތަ ޖިސްމާނީ ހަރަކާތްތެރިކަމަކީ އޭގެ ފައިދާއާއި، ކުރަންޖެހޭ ކަންކަމާއި، ކީއްވެގެން ކުރަންޖެހޭ ކަމެއްކަން އެންމެނަށްވެސް އެނގޭ އަދި ދައްކަން ވަރަށް ފަސޭހަ ވާހަކައެކެވެ. ނަމަވެސް ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ، މިކަމަކީ ގިނަ ބަޔަކަށް ހަމަ ޢަމަލީގޮތުން ފަށައިގަންނަން އުނދަގޫ ކަމެއްކަމެވެ. ސައްޙަ އެތަކެއް ސަބަބުތަކާއި ހުރެއެވެ.

ޢާއިލާގެ ކަންކަމުގައި މަޝްޢޫލުވެ ބުރަވާތީއެވެ. ތަޙަންމަލް ކުރަމުންދާ ބަލިމަޑުކަމަކާއި ހުރެއެވެ. ޖިމް ފަދަ މެމްބާޝިޕްތަކުގެ ޚަރަދާއި މެދު ވިސްނާފައެވެ. ހަށިގަނޑާއި މެދު ވިސްނައި ކަންބޮޑުވާތީއެވެ. ނަފްސާނީ ބަލިމަޑުކަމެއް ހުރީތީއެވެ. ވަޤުތު ނެތީމައެވެ. ފައްޓައިގަންނަން ބޭނުންވާ ޖޯށު (މޮޓިވޭޝަން) ނެތީއެވެ.

މިއީ ހައްތަހާވެސް ޤަބޫލުކުރެވޭ ސަބަބުތަކެކެވެ. ބަހަނާއެކޭ އަޅުގަނޑެއް ނުބުނާނަމެވެ. ސަބަބަކީ، ދިރިއުޅުމުގެ ބުރަކަންމަތީ އަޅުގަނޑުމެން އަވަދިނެތި އުޅޭއިރު، އަޅުގަނޑުމެންގެ ހަށިގަނޑަށް ވެވިފައިވާ ވަޢުދުގެ މަތިން ހަނދާން ނުހުންނާތީއެވެ. މިއީ ހަމައެކަނި ތިބާގެ ޙާލެއްނޫނެވެ. އަޅުގަނޑާއި ދެންހުރި މީހާގެވެސް ޙާލެވެ. ކުރިއެރުން އޮތީ، މިއީ މައްސަލައެއްކަން ފާހަގަކޮށް އެކަމަށް ފިޔަވަޅު އެޅުމުންތާއެވެ.

އަޅުގަނޑުމެންގެ ދިރިއުޅުމުގެ މުހިންމު ބަޔަކަށް ޖިސްމާނީ ހަރަކާތްތެރިކަން ހެދުމައްޓަކައި ކުރަންވީކޮން ކޮން ކަންކަމެއްތޯ ބަލާލަމަތޯއެވެ. މަދަމާ ދުވަންދާނީއޭ ބުނެ ވަޢުދުވާނީއެއްނޫނެވެ. އެއީ އަދި މާ ފަހުގެ ކަމެކެވެ. ފުރަތަމައަށް ކުރަންޖެހޭ ކަމަކީ ވިސްނުމަށް ބަދަލުތަކެއް ގެނައުމެވެ. މިކަމަކީ ކީއްކުރަން ކުރާ ކަމެއްކަން ފާހަގަކޮށް ދެނެގަތުމެވެ. އެކިއެކި ވައްތަރުގެ ކަސްރަތުތަކާއި ލައިފްސްޓައިލް ބަދަލުތައް ދިރާސާކޮށް ތިބާއަށް އެންމެ ގުޅެނީ ކޮންކަހަލަ ކަމެއްތޯ ހޯދިދާނެއެވެ. އަދި ތިބާގެ ދުވަހުގެ ތާވަލަށް ފައްތާލެވޭނެ ފަސޭހަ ޙަރަކާތްތަކަކީ ކޮބައިތޯވެސް ބަލާލަންވާނެއެވެ. ތިބާގެ ސިއްޙަތަށް ދުޅަހެޔޮ ބަދަލުތަށް ގެނައުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތިގައި ދެކި، މިކަމަށް އޮންނަ ޝައުޤުވެރިކަން އިތުރުކުރުން ވަރަށް މުހިންމެވެ.

ދެވަނަކަމަކަށް ފާހަގަ ކޮށްލަން އޮތީ، ކަސްރަތު ކުރުމާއި ޖިސްމާނީގޮތުން ހެލިފެލިވެ އުޅުމަކީ ފަށައިގަންނައިރު އުނދަގޫ ކަމެއްކަން ޤަބޫލުކުރުމެވެ. މިކަމަކީ ބުނެލަން އަދި ޕްލޭން ކޮށްލަން ފަސޭހަކަމަކަށް ވީނަމަވެސް ޢަމަލީ ގޮތުން ދައްކަން އުނދަގޫވެދާނެ ކަމެކެވެ. އެހެންކަމުން، ރަނގަޅުވަރެއްގެ އެހާ ބުރަނޫން އަމާޒެއް އިޚްތިޔާރު ކޮށްލަންވާނެއެވެ. 10 ކިލޯ ލުއިވާން ޖެހޭނަމަ، އަމާޒަކަށް ހަދަންވީ އެ 10 ކިލޯ އެކީއެކައްޗަކަށް ދުއްވާލުމެއްނޫނެވެ. ފުރަތަމަ 1 ކިލޯ ދޭތޯ ބަލާށެވެ. އެ އަމާޒާއި ހަމަވުމުން ދެން އިތުރު ކިލޯތަކާއި މެދު ވިސްނާނީއެވެ. ސަބަބކީ، ޓާގެޓް ބޮޑުވިވަރަކަށް ކުރަންޖެހޭ ކަންތަކާއިމެދު ވިސްނާ ނުވާނެވަރު ކަމެއް ކަމުގެ އިޙްސާސުތައް އައުން އެކަށީގެންވާތީއެވެ. އަދި ޓާގެޓް ޙާޞިލްވުމުން ކަމެއްކުރެވިއްޖެ ކަމުގެ އިޙްސާސުން ތިބާގެ ޖޯޝަށް އިތުރަށް ޙިތްވަރުލިބިގެންދާނެކަމަށް ލަފާކުރެވޭތީއެވެ.

ތިންވަނަކަމަކަށް، ޖިސްމާނީގޮތުން ޙަރަކާތްތެރި ވުމަށޓަކައި ރަނގަޅަށް ތައްޔާރުވުމެވެ. ތިބާގެ ފަޔަށް ހެޔޮވަރުގެ ބޫޓެއް ހޯދާލުން މުހިންމެވެ. ޖިމަކަށް ދާން ބޭނުން ނުވާނަމަ ނުދާށެވެ. އެއީ މައްސަލައެއް ނޫނެވެ. ޤުދުރަތީ ޖިމް އޮތީ ތިބާގެ އިންތިޒާރުގައެވެ. މޫދަށްގޮސް ފަތާލާ، ފަތަން ނޭގޭ ކުދިން ފުންމާ މޫދު ކަސްރަތުކޮށްލާ، ޕާކުތެރޭ ހިނގާލައި ކުޑަކޮށް ދުވެލާށެވެ. މަޤްޞަދަކީ ފަށައިގަތުމެވެ. 

ދުވާއިރު ދުވެވޭ ގޮތުގެ (މެޕް) ޗާޓާއި ހިނގާލެވޭ ނުވަތަ ދުވެލެވޭ މިންވަރު ދައްކުވައިދޭ އެޕްލިކޭޝަންއެއް ފޯނަށް އަޅާލެވިދާނެއެވެ. ދުވަހުގެ ނަތީޖާ ފެނުމުން ދެވަނަ ދުވަހުގެ ނަތީޖާއަށް ތިބާ ޝައުގުވެރިވުން ގާތްނޫންތޯއެވެ. ބޭރުތެރެއަށް ނުދެވޭ ބޭފުޅުންނަށް ގޭގައި ކަސްރަތު ކުރުމަށް ބޭނުންކުރާ އެކިއެކި އެޕްލިކޭޝަންވެސް މަދެއްނޫނެވެ. މި ކުރެވެނީ ހަމަ ގާތްގަނޑަށް އެއްކަމެއްތާއެވެ. 

އެންމެ ފަހުކަމަކަށް، މާދަމާކިޔުން ހުއްޓާލުންކިހިނެތްތޯއެވެ. އެ މާދަމާގެ އިންތިޒާރުގައި ތިއްބައި ދެތިން އަހަރު ފަހަނައަޅައި ދަނީއެވެ. މިކަމަށް އޮތީ ދެ ޙައްލެކެވެ. އެއްގޮތަކީ މާދަމާ ކިޔުމުގެ ބަދަލުގައި މިއަދު ފަށައިގަތުމެވެ. އެކަމަށް ދިރާސާ ކުރުމަކީވެސް ވަރަށް ހަނި ދާއިރާއަކުން ފަށައިގަތީ ކަމަށް ބެލެވިދާނެއެވެ. ދެވަނަ ޙައްލަކީ މާދަމާގެ ބަދަލުގައި ތާރީޚެއް ކަނޑައެޅުމެވެ. ތިބާގެ ހަފްތާ ކީއްކުރަން މަހުގެ ތާވަލް ބަލައި މިކަން ފެއްޓެން އޮތް އެންމެ އެކަށޭނަ ދުވަސް ފާހަގަކޮށް އެދުވަހަށް ތައްޔާރުވުމެވެ. ކުރަންޖެހޭ ދިރާސާއެއްކޮށް، ޑޮކްޓަރަކަށް ދައްކަން އޮތްނަމަ އެކަންވެސް ކޮށް، ހޯދަންޖެހޭ އެއްޗެއް އޮތްނަމަ އެ ހޯދައި، ތާވަލާއި ޗާޓު ހަދައި، ތިބާއަށް ފަސޭހަ ބުރަނޫން އަމާޒެއް ނިންމައި، ދުވަސް އައުމުން ޢަމަލީގޮތުން ފަށައިގަންނާނީއެވެ. އެއްވެސް ބަހަނާއަކަށް ޖާގައެއް ނެތެވެ. މާދަމާ އަތުވެއްޖެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. […] ކަސްރަތާއި، ޙަރަކާތްތެރިވުމާއި، ސިއްޙަތަށް ބަލަން ‘މާދަމާ’ ފަށައިގަންނާނެ ވާހަކަ، މިއީ ވަރަށް ގިނައިން މީހުންނަށް ބުނެވޭ ބަސްކޮޅެކެވެ. މިހެން ބުނެވެނީވެސް ހަމަ ހަށިގަނޑަށް ހެޔޮ ބަދަލެއް ބޭނުންވާތީއެވެ. އެކަން ޤަބޫލުކުރެވެއެވެ. ނަމަވެސް މި ނަންގަނެވޭ މާދަމާ… އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ