ގިނަ ބައެއްގެ މެދުގައި މަޝްހޫރު ޕާނީ ޕޫރީއިން ކެންސަރަށް މަގުފަހިޥާ މާއްދާއެއް ފެނިއްޖެއެވެ.
އިންޑިއާގެ ކަރްނާޓަކާގެ ހެލްތު ޑިޕާޓްމަންޓުން ވަނީ ޕާނީ ޕޫރީ ފެނުގައި ކެންސަރު މަގުފަހި ކުރުވާ މާއްދާއެއް ހުރިކަން ދެނެގަނެވިފައިވާކަމަށް ބުނެފައެވެ.
ކަރްނާޓަކާގެ ހެލްތު ޑިޕާޓްމަންޓުން ދާދިފަހުން ވަނީ މަގުމަތީގައި ވިއްކާ ކާއެއްޗެހި ހުރީ ރައްކާތެރި މިންގަނޑަކަށްތޯ ބަލަން ސާވޭއެއް ފަށާފައެވެ. މި ސާާވޭއަށް 260 ށާމްޕަލް ނެގިއިރު އެތަނުން 41 ސާމްޕަލަކުން އާޓިފިޝަލް ކުލައާއި ކާސިނޯޖެނިކް އެޖެންޓް ފެނިފައިވެއެވެ. އަދި އިތުރު 18 ސާމްޕަލްއަކުން އިންސާނުން ބޭނުންކުރުމަށް އެއްގޮތަކަށްވެސް ކަމުނުދާ މާއްދާއެއް ވަނީ ފެނިފައެވެ.
“ސްޓޭޓްގެ މަގުތަކުގައި ވިއްކާ ޕާނީ ޕޫރީގެ ކޮލިޓީއާ މެދު ވަރަށް ގިނަ ޝަކުވާތަކެއް ލިބޭ. ކަރްނާޓަކާގެ އެކި ކަންކޮޅުތަކުން މަގުމަތީގެ ސްޓޯލްތަކާއި ރެސްޓޯރެންޓުތަކުން ސާމްޕަލް ނެގިން. ވަރަށް ގިނަ ސާމްޕަލްތަކަކީ އިންސާނުން ބޭނުންކުރުމަށް ކަމުނުދާ ސާމްޕަލްތަކެއް ކަން ފާހަގަކުރެވުނު،” ޑެކަން ހެރަލްޑްގެ ކޮމިޝަނާ ފޯ ފުޑް ސޭފްޓީ ސްރީނިވާސް ކޭ ވިދާޅުވި އެވެ.
މި ސާމްޕަލްތަކުން ފެނުނު ގަދަ ނޫ، ގަދަ ރީނދޫޫ އަދި ޓާޓްރަޒިން ފަދަ ކެމިކަލްތަކުގެ ސަބަބުން ސިއްހީ ގޮތުން ތަފާތު މައްސަލަތައް ދިމާވެދާނެކަމަށް އެ ފަރާތުން ވަނީ ވިދާޅުވެފައެވެ.
ކަރްނާޓަކާ ސަރުކާރުން މީގެ ކުރިން ވަނީ ގޯބީ މަންޗޫރިއަން އަދި ކޮޓަން ކެންޑީ ފަދަ ކެއުންތަކުގައި ބޭނުންކުރާ ކާކުލައިގެ ބާވަތެއް ކަމަށްވާ ރޯޑަމިން-ބީ މަނާކޮށްފަ އެވެ. ކަރްނާޓަކާގެ ހެލްތް މިނިސްޓަރު ދިނޭޝް ގުންޑޫ ރާއޯ ވިދާޅުވީ މި ކެމިކަލްތައް ކާބޯތަކެތީގައި ބޭނުންކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހު ޓެމިލް ނާޑޫއިން ވަނީ ކޮޓަން ކެންޑީ ވިއްކުމާއި ބޭނުންކުރުން މަނާކޮށްފަ އެވެ. ކޮޓަން ކެންޑީ ވިއްކުމާއި ބޭނުންކުރުން މަނާކުރީ އެ އުފެއްދުންތަކުން ގެއްލުންހުރި ރޯޑަމިން-ބީ އަދި ޓެކްސްޓައިލް ޑައި ފެނުމުންނެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ރޯޑަމައިން-ބީ ގެ ސަބަބުން ސެލްތައް މަރުވެ، ޓިޝޫތަކަށް ގެއްލުންވެ، ސިއްހީ ބޮޑެތި ނުރައްކާތައް ކުރިމަތިވެއެވެ.
ކާބޯތަކެތީގެ ބާވަތްތައް ޕްރޮސެސް ކުރުމުގައި ރޯޑަމައިން ބީ ބޭނުންކުރުމުގެ ސަބަބުން ސިއްޙީ ގޮތުން ދިމާވާ ތަފާތު މައްސަލަތަކުގެ ތެރޭގައި ބޮލުގައި ރިއްސުން، ބަނޑުގައި ރިއްސުން، ފަލަވުން، ކެންސަރު، ހިތުގެ ބަލި، ކިޑްނީގެ ބަލި، ލިވާ ޑިސްފަންކްޝަން، ހޯމޯނަލް އިމްބެލެންސް، ދުވަސް ނުފުރާ ވިހެއުން، ދިފާއީ ބާރު ދަށްވުން، ނާރުގެ ނިޒާމު ތަރައްގީކުރުމުގެ މައްސަލަތައް، ނަފްސާނީ މައްސަލަތައް އަދި އުނގެނުމުގެ ނުކުޅެދުންތެރިކަން/ކޮގްނިޓިވް ޑިސްފަންކްޝަން ހިމެނެ އެވެ.