ލިޔުނީ: ޑރ. އާމިނަތު ޙުސައިން
ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 8 މިލިއަން މީހުން މަރުވާކަމަށް ދުނިޔޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި މީގެ ތެރެއިން 1.3މިލިއަން މީހުންނަކީ ދުންފަތުގެ އިސްތިއުމާލު ނުސީދާކޮށް ކުރާމީހުން ނުވަތަ “ސެކަންޑް ހޭންޑް ސްމޯކާރސް” އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އަމިއްލަ ހަށިގަނޑަށާއި، ތިމާގެ ވަށައިގެންވާ މީހުންނަށް ޞިއްޙީގޮތުން އެތައް ބަލިތަކަކާ ކުރިމަތިކުރުވާ ޢަމަލެކެވެ. ހަށިގަނޑަށް ގެއްލުންދޭ ކަމަކަށްވުމުން ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ދީނީގޮތުންވެސް ޙަރާމް ކަމެކެވެ. ދުނިޔަވީ ގޮތުންނާއި އުޚްރަވީ ގޮތުން ފައިދާއެއް ނުވާ މި ނުބައި ޢަމަލާ ދުރުވާން، އަހަރެމެން މުސްލިމުންނަށް ދެން އިތުރައް ބޭނުން ވަނީ ކޮން ޙުއްޖަތެއް ހެއްޔެވެ؟
ދުންފަތުގެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުންނަށް މި ރަމަޟާން މަހަކީ ލިބިފައިވާ ރަނުގެ ފުރުސަތެކެވެ. ދުނިޔޭގެ ބައެއް ޤައުމުތަކުގައި ރަމަޟާން މަހު ދުންފަތާ ދުރު ކުރުމުގެ އެކި ޕުރޮގުރާމުތައް ހިންގައެވެ. މިއީ މިކަމާ ބެހޭ ގޮތުން ޢިލްމީ ދިރާސާތައް ހެދިފައިވާ އަދި ފައްސި ނަތީޖާތަކެއް ފެންނަން ހުރި މޮޅު އުކުޅެކެވެ.
ދުންފަތާއި ދުރުވުމަށް ގިނަ މީހުންނަށް އުނދަގޫވަނީ ދުންފަތާއި ދުރުވުމުގެ ސަބަބުން ކުރިމަތވާ އުނދަގޫތައް ނުވަތަ “ވިތްޑްރޯވަލް ސިމްޕޓަމްސް” އާ ހެދިއެވެ. މި އުނދަގޫތަކުގެ ތެރޭގައި ނަފްސާނީ އުނދަގޫތަކާއި ޖިސްމާނީ ގޮތުންވާ އުނދަގޫ ހިމެނެއެވެ. އެންމެ ބޮޑަށް ދިމާވަނީ ނަފްސާނީ ގޮތުންވާ އުނދަގޫ ތަކެވެ. ޖިސްމާނީ އުނދަގޫތަކުގެ ތެރޭގައި ބޮލުގައި ރިހުން، ނޭވާ ކުރުވުން، ނޭވާލާން އުނދަގޫވުން، މޭ ފިތޭހެން އިހުސާސްވުން، އަދި ކެއްސުމާއި މިނޫންވެސް އުނދަގޫތައް ހިމެނެއެވެ. ނަފްސާނީ އުނދަގޫތަކުގެ ތެރޭގައި ހިތް ބިރުގަތުން، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވުން، ވަރަށް ބޮޑަށް ދުންފަތުގެ އިސްތިއުމާލު ކުރާހިއްވުން، ކަންކަމާ ކޫސަނިވެ ރުޅިއަންނަ ގޮތްވުން އަދި މިނޫންވެސް ގޮތް ގޮތަށް މީހާގެ މޫޑަށް ބަދަލު އައުން ފަދަ ކަންކަން ހިމެނެއެވެ.
ވިތްޑްރޯވަލް ސިމްޕޓަމްސްތަކުން އުނދަގޫވާ މިންވަރު އެހެން މަސް މަހަށް ވުރެ ރަމަޟާން މަހު ކުޑަކަމަށް ވަނީ ފާހަގަ ކުރެވިފައެވެ. އަދި ދިމާވާ އުނދަގޫތައް ތަޙައްމަލު ކުރަން ފަސޭހަވާކަން ވެސް ދިރާސާތަކުން ދައްކައެވެ. މިހެން މިކަން ދިމާވާ ސަބަބުތަކުގެ ތެރޭގައި، ރޯދަމަހު ގިނަމީހުންގެ ދީނީ ޢަޤީދާ ވަރުގަދަވެ، އީމާންތެރިކަން އިތުރުވުމާއި އަދި ކަންކަމާއި ކެތްތެރިވާ މިންވަރު އިތުރުވުން ފާހަގަ ކޮށްފައިވެއެވެ.
ދުވާލު އެއްކޮށް ރޯދައަށް ހުންނައިރު ދުންފަތާއި ދުރުވެ ހުންނަހެން ރޭގަނޑު ކެއިން ބުއިމަށް ލިބޭ މަދު ވަގުތު ކޮޅުގައި ދުންފަތުގެ އިސްތިއުމާލު ނުކޮށް ހުރުމަށް ބޭނުންވަނީ ވަރުގަދަ ޢަޒުމަކާއި ކުޑަ ހިއްވަރެކެވެ. ރަމަޟާން މަހަކީ ހެޔޮކަމުގެ މައްސަރެވެ. ތިބާގެ ސަބަބުން ތިބާއާއި ތިބާގެ ޢާއިލާ އަދި އެހެން މީސްތަކުންނަށް ތި ވެވޭ އިހާނެތިކަން ދޫކޮށްލާށެވެ. އެކަނި އަމިއްލައަށް ދުންފަތާ ދުރުވުމަށް އުނދަގޫވާނަމަ އެކަމަށް އެހީވާ ކުލިނިކަކަށް ޒިޔާރަތް ކޮށްލާށެވެ. އަދި ޞިއްޙީ މާހިރެއްގެ ލަފާގެ މަތިން ނިކޮޓީން ރިޕްލޭސްމެންޓް ތެރަޕީއެއް ނަންގަވާށެވެ. ހިއްވަރާއިއެކު ދުންފަތުން ދުރުހެލިވެ އޭގެ ވަބާއިން ސަލާމަތްވުމަށް ރަމަޟާން މަހަކީ ރަނގަޅު ފުރުސަތެކެވެ.



