ދެކުނު އޭޝިއާގައި އެންމެ ގިނައިން މީހުން މަރުވަމުންދަނީ ހިތުގެ ބަލިތަކުން ކަމަށާއި، ކޮންމެ މިނެޓަކު މި ސަރަހައްދުގައި 8 މީހުން މި ބަލިން މަރުވަމުންދާކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފިއެވެ. މި މައުލޫމާތު ހާމަކޮށްފައިވަނީ ވޯލްޑް ހާޓް ޑޭގެ ކުރިންނެވެ.
ޑަބްލިއުއެޗްއޯގެ ސައުތް އީސްޓް އޭޝިއާގެ އޮފިސަރ އިން ޗާޖް، ޑރ. ކެތަރީނާ ބޯމް ވިދާޅުވި ގޮތުގައި މި ސަރަހައްދުގައި ހިތުގެ ބައްޔަށް މަރުވާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ 70 އަހަރުން ދަށުގެ މީހުންނެވެ. އަދި މި ބަލި ޖެހުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ލޭގެ ޕްރެޝަރ މައްޗަށް ދިއުމާއި، ހަކުރު ބަލި، ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ލޮނާއި ތެލުގެ މިންވަރު މަތި ކާނާ ކެއުމާއި، އަދި ޖިސްމާނީ ހަރަކާތްތައް މަދުވުން ހިމެނެއެވެ.
“މި ސަރަހައްދުގައި ލޭގެ ޕްރެޝަރ އަދި ހަކުރު ބަލީގެ މައްސަލަ ހުންނަ މީހުންގެ ތެރެއިން 85 އިންސައްތަ މީހުންގެ ބަލި ކޮންޓްރޯލް ކުރެވިފައެއް ނުވޭ،” ޑރ. ބޯމް ވިދާޅުވިއެވެ. އަދި އާބާދީ ދުވަސްވަމުން ދިއުމާއެކު ހިތުގެ ބަލިތަކަށް ހުށަހެޅޭ މިންވަރު އިތުރުވަމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ވަސީލަތްތައް މަދު ސިއްހީ ނިޒާމުތަކަށް ބުރަ ބޮޑުވަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ގައުމުތަކުން އަޅާފައިވާ ސިޔާސީ އަދި ސިއްހީ ފިޔަވަޅުތަކުން ހިތްވަރުދޭފަދަ ކުރިއެރުންތަކެއް ފެނިފައިވާ ކަމަށް ޑރ. ބޯމް ފާހަގަކުރެއްވިއެވެ. “2025 ގެ ޖޫން މަހާ ހަމައަށް، 90 މިލިއަނަށްވުރެ ގިނަ ލޭގެ ޕްރެޝަރ އަދި ހަކުރު ބަލީގެ މީހުންނަށް ޕްރޮޓޮކޯލްތަކާ އެއްގޮތަށް ފަރުވާ ދެވެމުންދާނެ،” އެމަނިކުފާނު ވިދާޅުވިއެވެ.
ހިތުގެ ބަލިތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި އާންމު ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، މުޅި މުޖުތަމައު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ޑރ. ބޯމް ފާހަގަކުރެއްވިއެވެ. އަދި ފަރުދީ ފެންވަރުގައި ދުންފަތް ދޫކޮށްލުމާއި، ލޮނުގެ މިންވަރު މަދުކުރުމާއި، ދުވަހަކު ޖިސްމާނީ ހަރަކާތްތައް ކުރުމާއި، ނަފްސާނީ ގޮތުން ހިތްހަމަޖެހުން ހޯދުމަކީ ހިތުގެ ސިއްހަތަށް މުހިންމު ކަންކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.