- Advertisement -ad image

އިއްދައިން ކެނޑޭ ހިސާބަށް ހަށިގަނޑު ތައްޔާރުކުރާނީ ކިހިނެތް؟

ad image

ގުޅުންހުރި ލިޔުންތައް

މެނޮޕޯސް ނުވަތަ އިއްދައިން ކެނޑުމަކީ އަންހެންމީހާގެ އުމުރުގެ ވަކި ހިސާބަކުން ޕީރިއަޑުވުން އެއްކޮށް ހުއްޓުމަށް ކިޔާ ނަމަކެވެ. މިކަން އާންމު ގޮތެއްގައި އަންހެނުންނަށް ދިމާވަނީ އުމުރުން 46 އަހަރުން މަތި ވުމުންނެވެ.

މިހެން މިކަން ދިމާވާ ސަބަބަކަށް ވަނީ މި އުމުރަށް ދާއިރު އަންހެނުންގެ އޯވަރީއިން ދަރިއުފައްދައި ހޯމޯން-އެސްޓްރޮޖަން އުފެއްދުން ހުއްޓުމުންނެވެ.

އެހެންނަމަވެސް، ބައެއް އަންހެނުން އުމުރުގެ ތަންކޮޅެއް ކުރީކޮޅު އިއްދައިން ކެނޑެއެވެ. މިއަށް ކިޔަނީ ޕްރި-މެނޮޕޯސް އެވެ. މިހެން ދިމާވާ މީހުންގެ ފަރާތުން އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ޤަވާއިދުން ޕީރިއަޑު ނުވުން، ވަސޮމޮޓޯގެ އަލާމާތްތައް ފެނުން ( އާދަޔާ ހިލާފަށް ކުއްލިއަށް މޫނުމައްޗަށް ހޫނުވުން، އެއްވެސް ސަބަބަކާ ނުލައި ދާ ހިއްލުން)، އަވަސް އަވަހަށް މޫޑު ބަދަލުވުން، އަވަހަށް ރުޅިއައިސް ނުވަތަ ދެރަވުން ހިމެނެ އެވެ.

މީގެއިތުރުން އަންހެންމީހާގެ ކުޑަކަމުދާ ނިޒާމަށް ދިމާވާ މައްސަލަތައް، (ނޭނގި ކުޑަކަމުދެވުން، އަބަދު ކުޑަކަމުދާން ޖެހިފައި ހުރުން، ކުރިމަތިފަރާތުގެ ހަންގަޑު ކުރަކިވުން އަދި ހިރުވުން، އެ ސަރަހައްދުން އިސްތަށި ފެޅުން މަދުވުން) ހިމެނެ އެވެ.

އެހެންނަމަވެސް، ވަރަށް ސީރިއަސް ހާލަތްތަކުގައި މެނުވީ ގިނަ އަންހެނުންގެ ކިބައިން މި އަލާމާތްތަކެއް ނުފެނެއެވެ. އަދި ތަފާސްހިސާބުތަކުން ދައްކާގޮތުގައި 80 އިންސައްތަ އަންހެނުންނަށް މި އަލާމާތްތަކުގެ ތެރެއިން ދިމާވަނީ އެންމެ އާދައިގެ އަލާމާތްކަމަށްވާ އާދަޔާ ޚިލާފަށް ހޫނުވުން އެކަންޏެވެ.

ހަށިގަނޑުން އެސްޓްރޮޖެން މަދުވުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި ހުޅުތައް ބަލިކަށިވެ އަވަހަށް ފްރެކްޗާވުން، އެތަރޯސްކްލަރޯސިސް ފަދަ ހިތުގެ ބައްޔަށް މަގުފަހިވުން، މައޯކާޑިއަލް އިންފާރކްޝަން، ޑިމެންޝިއާ، ނަފްސާނީ މައްސަލަތައް، ކެންސަރު( މިސާލަކަށް އުރަމަތީގެ އަދި ކޮލޮން ކެންސަރ) ހިމެނެ އެވެ.

އަންހެނާގެ އުމުރު ފާއިތުވެ، އިއްދައިން ކެނޑުމާއި ހަމަޔަށް ދާއިރު، އެކަމަށްޓަކައި ފުރިހަމައަށް ހަށިގަނޑު ތައްޔާރުކޮށް މައުލޫމާތު ލިބިފައި ހުރުމަކީ މުހިއްމު ކަމެކެވެ. އެގޮތުން މި ދުވަސްވަރާއި ބައްދަލުކުރުމުގެ ކުރިން ޤަވާއިދުން ބޮޑީ ޗެކަޕް ހެދުމަކީ މުހިއްމު ކަމެކެވެ.

އާންމުގޮތެއްގައި މިހެން ދިމާވުމުގެ ކުރިން ދިމާވެދާނެ ސިއްހީ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އެނީމިއާ ނުވަތަ ދަގަނޑުގެ ބައި މަދުވުން، ހައިޕޮކެލްސީމިއާ ނުވަތަ ލޭގައި ހުންނަ ކެލްސިއަމް ލެވްލް ދަށްވުން، ވިޓަމިން ޑީ މަދުވުން، އޮސްޓިއޮޕްރޮސިސް ނުވަތަ ކަށިތައް ބަލިކަށިވުން، ހަކުރުބަލި، ހައިޕަރޓެންޝަން، ހައިޕަރކޮލެސްޓްރޮލް އަދި ޑިޕްރެޝަން އަދި އެންޒައިޓީ ހިމެނެ އެވެ. ހަމައެހެންމެ ޤަވާއިދުން ކެންސަރަށް ޓެސްޓްކުރުމަކީ ވެސް މުހިއްމު ކަމެކެވެ.

ލައިފްސްޓައިލަށް އެދެވޭ ބަދަލެއް ގެނައުމަކީ ވެސް އޭގެ ރަނގަޅު އަސަރު ފަހުން ކުރާ ކަމެކެވެ. އެގޮތުން ޤަވާއިދުން ކަސްރަތު ކުރުމާއި ދުޅަހެޔޮ ކާނާ ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. ކެއުމުގެ ތެރޭގައިވެސް ގިނައިން ކެލްސިއަމް، އަޔަން އަދި ވިޓަމިން ޑީ ލިބޭ ފަދަ ކެއުންތައް ބޭނުންކުރުން މުހިއްމެވެ.

މީގެއިތުރުން ޤަވާއިދުން ވިޓަމިން ޑީ އަދި ކެލްސިއަމް ކެޕްސޫލް ބޭނުންކުރުމުން ކަށިތައް ބަކިކަށިވުމުން ރައްކާތެރިކޮށްދޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ