- Advertisement -ad image

ޑެންގީ ހުމުން ރައްކާތެރިވުމަށް އެންމެ ބޮޑަށް ބަލަންވީ މިކަންކަމަށް!

ad image

ގުޅުންހުރި ލިޔުންތައް

ވިއްސާރަ ދުވަސްވަރެއް އަތުވެއްޖެނަމަ ތަފާތު ރޯގާތަކާއި ހުންތައް ފެތުރުމުގެ ފުރުސަތު އަބަދުވެސް އޮވެއެވެ. ހާއްސަކޮށް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގީ ހުމަކީ މިފަދަ ދުވަސްވަރުތަކުގައި ހާއްްސަ ފިޔަވަޅުތައް ނާޅައިފިނަމަ ކޮންޓްރޯލް ކުރަން އުނދަގޫ ބަލިތަކެކެވެ.

ޑެންގީ ހުން ޖެހުމަށް މެދުވެރިވަނީ ފެން ހެދޭ ތަންތަނުހައި އާލާވާ ‘އެއިޑިސް’ ނަމަކަށް ކިޔާ އިންފެކްޓެޑް މަދިރިއެއްގެ ޒަރިއްޔާއިންނެވެ. ވިއްސާރަ މޫސުމުގައި މި ބާވަތު މަދިރި އުފެދޭ މިންވަރު އިތުރުވެއެވެ. އަދި މި ބާވަތުގެ މަދިރި އިންސާނެއްގެ ގައިގާ ހަފައިފިނަމަ ޑެންގީ ޖެހުމުގެ ފުރުސަތު އޮވެއެވެ.

ޑެންގީ ޖެހުމުން ފެންނާނެ އެންމެ އާންމު އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:-

2-7 ދެމެދު ނުފިލާ ގަދަޔަށް ހުން އައުން
ހުމާއެކު ގަދަޔަށް ބޮލުގައި ރިހުން
ހުމާއެކު ހުޅުހުޅުގައި އަދި ގައިގެ މަސްތަކުގައި ރިހުން
ގައިގެ ހަންގަނޑު ރަތްވުން
ބައެއް ފަހަރު ހިރުގަނޑާއި ނޭފަތުން ލޭ އައުން

ޑެންގީ ހުން ދެނެގަތުމަށް ފަހު ވެސް ބަލިން ރަނގަޅު ނުވެ އަލާމާތްތައް ގޯސްވަމުން ދާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިއްމު ކަމެކެވެ. އަދި 3 ދުވަހަށް ވުރެ ދިގު މުއްދަތަކަށް ހުން އަންނަނަމަ ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން ޓެސްޓުތައް ވެސް ހަދަން ވާނެއެވެ. ހާއްސަކޮށް ތިރީގައި ބުނެފައިވާ ނިޝާންތަކުން ނިޝާނެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަން ވާނެއެވެ.

ހުން މަޑުވާއިރު ވެސް ބަލިހާލު ބޮޑުވުން ( ހޭވެރިކަން ނެތުން، ކުޑަކުދިން މާބޮޑަށް ރުއިން)
ހަށިގަނޑުގެ އެއްވެސް ތާކުން ލޭ އައުން ( ބޮޑުކަމުދާ ނަޖިސް ރަތް ނުވަތަ ކަޅުކުލައިގައި ހުރުން)
ރަތްކުލައިގެ ބިހިތަކެއް ނެގުން
އަތްފައި ފިނިވެ، މާބޮޑަށް ބަނޑުގައި ރިއްސުން
މާގިނައިން ހޮޑުލެވި ދިޔާ އެއްޗެހި ނުބޮވުން
ހަ ގަޑިއިރު ވާއިރުވެސް ކުޑަކަމު ނުދެވުން

ޑެންގީ ހުން ޖެހިއްޖެ ނަމަ ލަސްނުކޮށް ފަރުވާ ފަށަން ވާނެއެވެ. މީގެތެރެއިން ވެސް އެންމެ މުހިއްމު ފަރުވާ އަކީ ގިނަގިނައިން އަރާމު ކުރުމަށްފަހު ދިޔާ ތަކެތި ބުއިމެވެ.

ދިޔާތަކެތި ބޯއިރު ހުސް ފެން ބުއިމުގެ ބަދަލުގައި ލޮނު ޕެކެޓު ފެން، ކުރުނބާ ފެން، ޖޫސް ފަދަ ތަކެތި ބުއިމަށް ޑޮކްޓަރުން އިރުޝާދު ދެއެވެ. އަދި ބަލި ޖެހިފައި ހުންނައިރު އެއްގޮތަކަށް ވެސް ކެފެއިން ހިމެނޭ ބާވަތްތައް ބޭނުންކުރުމަކީ އެދެވޭ ކަމެއް ނޫނެވެ.

ޑެންގީ ޖެހި މާގަދަޔަށް ހޮޑު ލެވޭނަމަ ކަރާ ފަނި ފަދަ ރަތްކުލަގަދަ އަދި މައިލޯފަދަ ކުލަގަދަ އެއްޗެހި ނުދިނުން ބުއްދިވެރި އެވެ. ސަބަބަކީ ޑެންގީގެ ސަބަބުން ބައެއް ފަހަރު ހޮޑު އަދި ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުން އެކަށީގެން ވާތީއެވެ. އަދި މިފަދަ ކުަލަގަދަ ބުއިން ތަކުގެ ސަބަބުން ހޮޑު އަދިބޮޑުކަމުދާ ތަކެތީގެ ކުލަ ބަދަލުވެ ލޭ ހުއްޓަސް ބައެއް ފަހަރު ދެނެގަންނަން އުނދަގޫ ވާނެތީ އެވެ.

މި ބަލި ޖެހޭ މީހުންގެ ހުޅުހުޅުގައި ރިއްސުމަކީ އާއްމު ކަމެކެވެ. އެހެންނަމަވެސް މި ރިހުން ކުޑަކުރުމަށް ޕެރަސެޓްމޯލް ނޫން ބޭހެއް ބޭނުން ނުކުރުމަށް ޑޮކްޓަރުން ލަފާދެއެވެ.

ޑެންގީ ހުމުން ރަައްކާތެރިވުމަށް ވިއްސާރަ މޫސުމުގައި ގޭގޭގައި އަދި ގެއިން ބޭރު އެކި ހިސާބުތަކުގައި ވެސް ފެން ހެދޭގޮތަށް ހުންނަ ތަންތަން ނައްތާލުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ފެން ހުރެފައި ނައްތާލެވެން ނެތް ތަންތަނުގެ ފެންގަނޑަށް ދިރޭ މަސް ލާފައި ބެހެއްޓުން ނުވަތަ ޓެމްފޮސް ކަހަލަ ކެމިކަލެއް އަޅާފައި ބެހެއްޓުމުން އެ ފެންގަނޑުގައި މަދިރި އާލާވުމުގެ ފުރުސަތު ކުޑަވެއެވެ.

މިފަދަ ވިއްސާރަ ދުވަސްވަރެއްގައި ކުޑަކުދިން ސްކޫލަށް ނުވަތަ ބޭރަށް ނެރޭއިރުގައި ވެސް މަދިރި ލޯޝަން އެއްވެސް ބޭނުން ކުރެވިދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ