ޕީޕީއެމް/ޕީއެންސީ ލީޑާޝިޕުން ރައީސް ޔާމީނަށް ޚިޔާނާތްތެރިނުވާނެ ކަމަށާއި ރައީސް ޔާމީނުގެ ދައުރު މާތްﷲގެ ވާގިފުޅާއެކު އިއާދަކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ޕީޕީއެމްގެ މުސްތަޝާރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވީ އިދިކޮޅުން މިއަދު ފެށި ‘ހޯޕް ކޮންފަރެންސް’ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ ޝަހީމް އިތުރަށް ވިދާޅުވީ ރައީސް ޔާމީނަކީ ދިވެހިރާއްޖެ ފިކުރީ ހަނގުރާމައިން ކުރަމުން އައި ނޭދެވޭ އަސަރުން ސަލާމަތްކުރެއްވުމަށް މަސައްކަތްކުރެއްވި ލީޑަރު ކަމަށެވެ.
އެގޮތުން ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތު ދިފާއުކުރެއްވުމަށް ރައީސް ޔާމީނުގެ ސަރުކާރުގައި ކުރެވުނު މަސައްކަތްތައް ވަރަށް ކައިރިން ފެނިވަޑައިގެންނެވިކަމަށް ޑރ.ޝަހީމު ވިދާޅުވިއެވެ.
ޑރ.ޝަހީމު ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަން ބިނާވެފައިވާ ބަހާތަކަކީ ދިވެހިވަންތަކަމުގެ ސިފަތައް ރައްކާތެރިކުރުމާއި، ދިވެހިރާއްޖޭގެ ސިޔާދަތު ދެމެހެއްޓުމާއި އިޤުތިޞާދު ތަރައްޤީކޮށް ތަނަވަސްކަން އިތުރުކުރުން ކަމަށެވެ.



