މުޅި ދިވެހި ގައުމާއި ރައްޔިތުންނަށް މިއޮތީ ދުއްޕާނެއް ޖެހިފައި ކަމަށާއި މިދުއްޕާނުން ސަލާމަތްވާނީ ރައީސް ޔާމީން ވެރިކަމަށް ގެނެސްގެން ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން”ހޯޕް ކޮންފަރެންސް” ގެ ނިމުން ފާހަގަ ކުރުމަށް އާޓިފިޝަލް ބީޗްގައި ރޭ ކުރިއަށްގެންދިޔަ “ދުއްޕާން” ޖަލްސާގައި ވާހަކަ ދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ މި ދުއްޕާނުން ސަލާމަތްވާނީ ދިވެހި ރައްޔިތުން ފިސާރި ޖޯޝާ ފޯރީގައި ނިކުމެގެން ކަމަށެވެ.
އަދި ހޯމް މިނިސްޓަރު އިމުރާނު އަބުދުالله ވެސް ރައީސް ޖާމީނަަށް ޖެއްސުން ނުކުރުމަށާއި ރައީސް ޔާމީނާ ކުޅުމަކީ މިޤައުމުގެ މިނިވަންކަމާ ކުޅުން ކަމަށް އަދުރޭ ވިދާޅުވިއެވެ.
ރައީސް ސާލިހަށް ރައްދު ދެއްވައި އަދުރޭ ވިދާޅުވީ އިންތިޚާބު ކާމިޔާބުކުރުމުގެ ފޯމިއުލާއޮތް ކަމަށް ވިދާޅުވިއިރު އެ ފޯމިއުލާ އޮތީ ޕީޕީއެމްގައި ކަމަށެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކޮށް، ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް “ހޯޕް ކޮންފަރެންސް”ގެ މަންދޫބުން ރޭ ވަނީ އަހުދުވެފައެވެ.


“ހޯޕް ކޮންފަރެންސް” ގެ މަންދޫބުން މި އަހުދުވީ މީގެ ތިން ދުވަސް ކުރީން ފެށި ކޮންފަރެންސް ނިންމުމުގެ ގޮތުން ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި “ދުއްޕާން” ޖަލްސާގައެވެ.
މި ޖަލްސާގައި އަހުދު އިއްވައިދިނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އަމީން އާންމު އަހުމަދު މުހައްމަދެވެ.
މަންދޫބުންވީ އަހުދުގައި ބުނެފައިވަނީ، ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައިގެން އިއްވާފައިވާ ހުކުމެއް ކަމަށެވެ.



