ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ބިދޭސީން އަނބުރާ ފޮނުވާލާ ގަވައިދު ބުނަނީ މަސްތުވާތަކެތި އެތެރެކުރާށޭ ފަޅާއަރައިފިއްޔާ ފޮނުވައިލާނަމޭ ކަމަށާއި ފަޅާނާރާފިއްޔާ ރަށަށް ވަދެ ވިޔަފާރިތަކާ އުޅޭށޭ ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާަޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ މި ޤަވާއިދަކީ ނުރައްކާތެރި ޤަވާއިދެއްކަމަށް ދެކެވަޑައިގެން ޤަވާއިދުގައި ހުރި މަސްތުވާތަކެތީގެ ޤާނޫނާ ފުށުއަރާ މާއްދާތައް އުނިކޮށް ބާތިލުކުރުމަށް ސަރުކާރަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.
ސައީދު ވިދާޅުވީ މި ގަވައިދު ގެޒެޓްކޮށް އަމަލުކުރަން ފެށުމަކީ ކެބިނެޓުގެ ވަޒީރުން ޚާއްޞާކޮށް ސޯޝަލް ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ވަޒީރުން ޒިންމާ އުފުއްލަވަންޖެހޭނެ ކަމެއް ކަމަށެވެ. އަދި މިކަމަކީ ސަރުކާރުގެ ވެރިންތަކެއް ގޯސް ނިޔަތެއްގައި ހިންގަވާ ބޮޑު ޖަރީމާއެއްކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.
ސައީދު ސިފަ ކުރެއްވި ގޮތުގައި މިއީ ސީދާ ރައީސް އޮފީހުގެ ތެރެއިން ހިންގާފައިވާ ޖަރީމާއެކެވެ.