މާލެ ސަރަހައްދުގައި ސިނާއީ މަސައްކަތްތަކަށް ބޭނުންކުރާ ތިލަފުށިން ބިދޭސީ ފަރާތްތަކަށް ބިން ވިއްކަން ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް އިދިކޮޅުން ބޮޑު ހިނގާލުމެެއް ބާއްވަން ނިންމައިފިއެވެ.
މި ހިނގާލުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ދިވެހިންގެ ބިން ސިޔާސީ ބޭނުންތަކަށް ވިއްކުމާއި ދިވެހިން ދެކޮޅު ކަމަށެވެ.
އަދި ތިލަފުށީގެ ބޮޑު ބައެއް 99 އަހަރަށް ބޭރު ބައެއްގެ އަތްމައްޗަށް ދޫކޮށްލުމަކީ ދިވެހިންގެ މިނިވަންކަމަށް ބުރޫއު އަރައިފާނެ ކަމެއް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. ސަރުކާރުން ވަކި ގައުމަކަށް ބިން ވިއްކަން އުޅޭ ކަމުގެ ތުހުމަތުވެސް ޝިޔާމް މިއަދު ކުރެއްވިއެވެ.
ޝިޔާމް ވިދާޅުވީ މިފަދަ ބިންތައް ހިއްކާ ތަރައްގީކޮށްފައިވަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ވަރަށް ބޮޑު ހޭދައެއް ކޮށްގެންކަމަށާއި ތިލަފުށި ބިމަށް ދިވެހި ދައުލަތުން ބިލިއަނުން ޚަރަދުކޮށްފައި އެ ބިންތައް ސަރުކާރުން އަމިއްލަ މަންފާއެއް ހޯދުމަށް ވަކި ބަޔަކަށް އުމުރު ދުވަހަށް ވިއްކުން ބަލައި ނުގަނެވޭކަމަށެވެ.
ތިލަފުށި ދެވަނަ ފިޔަވަހިން 150 ހެކްޓަރުގެ ބިމެއް ހިއްކާ ބޭރު މީހުންނަށްވެސް ބައިވެރިވޭ ގޮތަށް ސިނާއީ ބޭނުމަށް 50 ބިން ވިއްކުމަށް އެޗްޑީސީ އިން ވަނީ ހުޅުވާލަފައެވެ. މިކަމާ ގުޅިގެން އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެމުން އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިލަފުށިން ދޫކުރުމަށް ހަމަޖެހިފައިވާ 10 އިންސައްތަ ބިމަކީ ބޭރުގެ ވިޔަފާރިތަކަށް ބިޑު ކުރެވޭ ގޯތި ކަމަށެވެ. ނަމަވެސް އެ މީހުންވެސް އަމަލުކުރަން ޖެހޭނީ ރާއްޖޭގައި މިހާރު ހަދާފައިވާ ގަވައިދުތަކަށާއި އިދާރާތަކުން ހަދާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.



