ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމަށް މާލެ ސިޓީ ކައުންސިލުން “ފަންނުވެރިޔާ” ޕްރޮގްރާމްގެ ދަށުން ބާއްވަން ނިންމާފައިވާ އާރޓް އެންޑް ކްރާފްޓް ވޯކްޝޮޕް ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޒުވާނުންނަކީ ހުނަރުވެރި ބަޔަކަށް ހެދުމަށްޓަކައި ޔޫތް ޕްރޮގްރާމް އެއް ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ ކައުންސިލްގެ 70 ވަނަ ރަސްމީ ޢާއްމު ޖަލްސާގައެވެ. މި ޕްރޮގްރާމް “ފަންނުވެރިޔާ” ގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމި އާރޓް އެންޑް ކްރާފްޓް ވޯކްޝޮޕަކީ އެއްވެސް ފީ އަކާއި ނުލާ ހިލޭ ސާބަހަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ވޯކްޝޮޕެކެވެ.
މި ވޯކްޝޮޕާއި ގުޅިގެން 70 ވަނަ ޖަލްސާގައި މޭޔަރު ވިދާޅުވީ މިކަމަކީ ޒުވާނުންނަށް އާމްދަނީ ހޯދޭނެ ފަހި ފުރުޞަތުތަކެއް ހޯދައިދިނުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ނިންމިކަމެއް ކަމަށެވެ.
މި ވޯކްޝޮޕްގެ ބޭނުމަކީ މާލޭގެ ހުރިހާ އަވަށެއްގެ ރައްޔިތުން ޝާމިލްވާގޮތަށް އާރޓް އެންޑް ކްރާފްޓްގެ ފަންނުގެ ދާއިރާއިން ހިލޭ މިކަހަލަ ކޯހެއް ހިންގާ ގިނަ ޒުވާނުންތަކެއް ތަމްރީން ކުރުން ކަމުގައި މޭޔަރ މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ވޯކްޝޮޕާއި ގުޅިގެން މޭޔަރު ކުރެއްވި ޓްވީޓެއްގައި ވަނީ ކައުންސިލްގެ އެކްޝަންޕްލޭންގައި ހިމެނޭ ވަޒީފާ ނެތިފައި ތިބި ޒުވާނުންނަށް އާމްދަނީ ހޯދޭނެ މަސައްކަތެއް ދަސްކޮށްދިނުމަށް ހިލޭ ހިންގޭ “ފަންނުވެރިޔާ” ޕްރޮގްރާމްގެ ފުރަތަމަބެޗްގައި ބައިވެރިވެލެއްވުމަށް ދަޢުވަތު ދެއްވާފައެވެ.

މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ 1 މަސްދުވަހުގެ މުއްދަތަށެވެ. ވޯކްޝޮޕް ފެށުމަށްހަމަޖެހިފައި ވަނީ އަންނަ މާރޗް މަހުއެވެ.
ޒުވާނުންނަށް ޚާއްސަކޮށް ކުރިއަށްގެންދާ މި ވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ، އުމުރުން 18 އަހަރާ 25 އަހަރާ ދެމެދުގެ ޒުވާނުން ކައުންސިލުން ކޮށްފައިވާ އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ފޯމް ފުރިހަމަކުރައްވައި 2023 މާރޗު 08 ވާ ބުދަދުވަހު 14:00 ގެ ކުރިން މާލެ ސިޓީ ކައުންސިލްގެ އީމެއިލް [email protected] އަށް މެއިލްކުރައްވަން ޖެހޭނެއެވެ.
މި ވޯކްޝޮޕާބެހޭ އިތުރު މަޢުލޫމާތު އަދި ފޯމް މި އިޢުލާނާއެކު https://www.gazette.gov.mv/iulaan/230401އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް https://malecity.gov.mv/announcements/74މި ވޯކްޝޮޕާއި ގުޅޭ މަޢުލޫމާތު ލިބެންހުންނާނެއެވެ.