ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ބ. ކެންދޫގައި މަސްރޭހަކާއި ފަންގިވިނުމުގެ މުބާރާތެއް ބޭއްވުމަށް ތައްޔާރުވާން ފަށައިފި އެވެ.
ކެންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން އިސްނަގައިގެން މި މުބާރާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގަ އެވެ.
ކަނބަލުންގެ ފަންގިވިނުން ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ވަނަވަނައަށް ދާ ފަރާތްތަކަށް ވަނީ ފައިސާގެ އިނާމު ހުށަހަޅާފަ އެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 9:00އަށް 11:00އަށެވެ.
ކަނބަލުންގެ މަސްރޭސް ނަމުގައި ބާއްވާ މަސްރޭސް ގަައި ޓީމުތައް ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ. ޓީމުތަކުގައި ގިނަވެގެން ހިމެނޭނީ 5 އަންހެނުންނާއި، 2 ފިރިހެނުންކަމަށް އަންހެނުންކޮމިޓީން ބުނެފައި ވެއެވެ.


މަސްރޭހުގައި ވަނަވަނައަށް ދާ ޓީމުތަކުގެ އިތުރުން އެންމެ ބަރުމަސް ބާނާ ޓީމުވެސް ހޮވާނެ އެވެ. މި މަސްރޭހުގައި މިހާތަނަށް 4 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ.
ކެންދޫ އަންހެނުން ކޮމިޓީގެ ނައިބުރައީސް ނަޒީރާ އަހުމަދު ވިދާޅުވި ގޮތުގައި ކެންދޫގައި އަންހެނުންގެ ދުވަހާއި ދިމާކޮށް މަސްރޭސް ބާއްވާ މިއީ ދެވަނަ އަހަރެވެ. އަދި އަލަށް ފަންގިވިނުމުގެ މުބާރާތެއް ބާއްވާއިރު ރައްޔިތުންގެ ފަރާތުން މިކަމަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭކަމަށް ނަޒީރާ ވަނީ ވިދާޅުވެފަ އެވެެ.
މި މުބާރާތްތަކުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީހަކީ ބުރާސްފަތި ދުވަހެވެ.
ކޮންމެ އަހަރަކުވެސް ކެންދޫގައި މިފަދަ މުބާރާތްތައް ކުރިއަށްދާއިރު ރަށުގެ ރައްޔިތުން ނުކުމެ ސަޕޯޓުދޭކަމަށް ވެސް ނަޒީރާ ވަނީ ވިދާޅުވެފަ އެވެ. އަދި މިފަދަ ކޮންމެ ހަރަކާތެއްގއި ރަށުގެ ރައްޔިތުންދޭ އެއްބާރުލުމާއި ދައްކާ ނަމޫނާ ނަޒީރާވަނީ އުފަލާއެކު ފާހަގަކޮށްފަ އެވެ.
ކެންދޫ އަންހެނުން ކޮމިޓީން އިސްނަގައިގެން ކޮންމެ ތިންމަހުން ބާއްވާ އަލުންބަލުން މާކެޓް ބޭއްވުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ. މި މާކެޓް އޮންނާނީ އަންނަ ހުކުރު ދުވަހުގަ އެވެ.