ރ. ދުވާފަރުގައި “އިރުން ހަކަތަ” ގެ ނަމުގައި އިޔާދަކުރަނިވި ހަކަތައިގެ މުހިންމު މަޝްރޫޢެއް މިއަދު އިފްތިތާހުކޮށްފިއެވެ. މި މަޝްރޫޢު އިފްތިތާހުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދުވާފަރަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، ލޯކަލް މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދާނީ މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިންނެވެ.
މި މަޝްރޫޢުގެ ދަށުން، އަންނަ އަހަރުގެ ނިޔަލަށް ދުވާފަރުގައި އުފައްދާ ކަރަންޓުގެ 33 ޕަސެންޓް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. މިއީ ރަށުގެ ގޭބީސީތަކަށް އިޔާދަކުރަނިވި ހަކަތައިގެ މަންފާ ލިބި، ކަރަންޓު ބިލް ކުޑަކުރުމަށް މަގު ފަހިކޮށްދޭނެ ކަމެކެވެ. މަޝްރޫޢު އިފްތިތާހު ކުރުމާއެކު، ދުވާފަރުގެ ގޭބީސީތަކުގައި ސޯލާ ޕެނަލް ޖެހުމަށް ފުރުސަތު ހުޅުވާލާފައިވާއިރު، އެކަމަށް ޚާއްސަ އިރުން ހަކަތަ
ޕޯޓަލް ވެސް މިއަދު ވަނީ އިފްތިތާހުކޮށްފައެވެ.
މީގެ އިތުރުން، ރ. ދުވާފަރުގެ ސްޕޯޓްސް ކޮމްޕްލެކްސް ހެދުމުގެ މަސައްކަތް މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ވެސް މިއަދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޢަބްދުﷲ ރާފިއު އެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ.
މި މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރިއިރު، މީގެ ކުރިން ވެސް އެ ކުންފުންޏާ ވަނީ ބައެއް ސަރަހައްދުތަކުގެ ސްޕޯޓްސް ކޮމްޕްލެކްސް ހެދުމުގެ މަސައްކަތް ހަވާލުކޮށްފައެވެ. ރާއްޖޭގެ ހަ ރީޖަނެއްގައި ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމުކުރުމަށް ނިންމާފައިވާއިރު، މި މަޝްރޫޢަކީ ކުޅިވަރުގެ ދިގު ރާސްތާ ޕްލޭންގައި ހިމެނޭ ކަންކަން ހާސިލު ކުރުމާއި، ފެންވަރު ރަނގަޅު ކުޅުންތެރިން ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢެކެވެ.



