މަންމައިންގެ ހައްގުތައް ހޯދައިދީ ވާހަކަ ދައްކާނެ ޕްލެޓްފޯމެއް ގާއިމުކޮށް ވުޖޫދުވި މަމްސް ޖަމިއްޔާގެ ވެބްސައިޓް ލޯންޗްކޮށްފިއެވެ.
މަމްސް އަކީ މުޖުތަމައުގައި އެންމެ އެހީތެރިކަން ބޭނުންވެފައިވާ ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ ޖަމީއްޔާއެކެވެ. މި ޖަމިއްޔާގެ މައިގަނޑު މަގުސަދަކީ ދިވެހި މަންމައިން ބާރުވެރިކުރުވުމެވެ. މި ޖަމިއްޔާގެ ފޭސްބުކް ޕޭޖުގައި 40،000، އަށް ވުރެ ގިނަ މައިން ހަރަކާތްތެރިވެ އެވެ.





އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މަމްސް އެއިޑުން ރޭ ކުރިއަށް ގެންދިޔަ ހަފުލާގައި ވެބްސައިޓް ލޯންޗްކޮށްދެއްވީ ޝަރަފުވެރި މެހެމާނު ޑރ ހާލާ ހަމީދެވެ. ރޭގެ މިހަފުލާގައި ވަނީ މުޖުތަމައުގައި ތިބި ވަރަށް ކާމިޔާބު މަސައްކަތްތެރި އަންހެނުން އެމީހުންގެ ވާހަކަތައް ހިއްސާކޮށްފައެވެ.
ހާލުގައި ޖެހިފައިވާ އެކަނިވެރި މައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ވަކިން ޙާއްސަކޮށް އެކަނިވެރި މައިން މުޖުތަމާޢުގައި ބާރުވެރި ކުރުމަށް އެކި ޕްރޮގްރާމްތައް ޖަމިއްޔާގެ ފަރާތުން ކުރިއަށް ގެންދެ އެވެ. އެގޮތުން ބެކްޓް ސްކޫލް، ރަމަދާން އެއިޑް އަދި ފެމިލީ ސްޕޮންސަރ ޕްރޮގްރާމް ފަދަ ހަރަކާތްތައް ފާހަގަކޮށްލެވެ އެވެ.
އަދި ވަރަށް ނިކަމެތި ހާލުގައި ދިރިއުޅޭ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކެމްޕެއިންތައް ހިންގާ އެތައް އާއިލާއެއްގެ ދިރިއުޅުމަަށް ބޮޑެތި ބަދަލުތަކެއް މަމްސް ޖަމިއްޔާއިން ގެނެސްދީފައިވެއެވެ.