- Advertisement -ad image

ރިޔާސީ އިންތިހާބަށް 5 މަސް: ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރަން މަޝްވަރާކުރަނީ

ad image

ގުޅުންހުރި ލިޔުންތައް

ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް ހުޅުމާލޭގައި ހުންނަ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަ ކުރުމުގެ މަޝްވަރާތައް ސަރުކާރުން ފަށައިފިއެވެ.
ރައީސް ޔާމީންގެ ޒައާމަތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހެދި ހިޔާ ފްލެޓްތަކުން ކުލީގެ ގޮތުގައި ނެގުމަށް އޭރުގެ ސަރުކާރުން ނިންމާފައި އޮތީ 5،500 ރުފިޔާއެވެ. ނަމަވެސް ކުރީ ސަރުކާރުގެ އެ ނިންމުމާ އެއްގޮތަށް އަމަލު ނުކޮށް، މި ސަރުކާރުން ކުލީގެ ގޮތުގައި 8،500 ރުފިޔާ އަންނަނީ ނަގަމުންނެވެ.
ރައީސް ސޯލިހު އާދިއްތަ ދުވަހު ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަރަކާތްތެރިވާ ”ހިޔާ ރައްޔިތުންގެ ގުޅުން“ ހަރަކާތާ ބައްދަލުކުރައްވައިފައެވެ.
ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ހިޔާ ފުލެޓުތަކުގެ ކުލި ކުޑަކުރުމާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ އިކޮނޮމިކް ކައުންސިލާއި ކަމާގުޅޭ އެހެނިހެން އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު ގޮތްތަކެއް ނިންމެވުމުގެ ކުރިން އަދި އެއްފަހަރު ”ހިޔާ ރައްޔިތުންގެ ގުޅުން“ ހަރަކާތާ ބައްދަލުކުރައްވާނެ ކަމަށެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން ”ހިޔާ ރައްޔިތުންގެ ގުޅުން“ ޖަމިއްޔާގެ އިސް މެންބަރު، އަލީ ރިފާއު ބުނީ ހިިޔާގެ ރައްޔިތުންގެ ކަންބޮޑުވުން ހުރި ތިން ކަމަކާ ބެހޭ ގޮތުން ރައީސާއެކު މަޝްވަރާކުރި ކަމަށެވެ.

އެގޮތުން އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ހިޔާ ޔުނިޓްތަކުގެ ކުލި ކުޑަކުރުމާއި ގުޅޭގޮތުން ކަމަށް ވެސް އޭނާ ބުންޏެވެ. އެގޮތުން މިކަމަކީ ސަރުކާރުން މިހާރު ވެސް މަޝްވަރާތައް ކުރިއަށްގެންދާ ކަމެއްކަން، ރައީސް ވިދާޅުވެފައިވާ ކަމަށް ރިފާއު ބުންޏެވެ.
އެގޮތުން ކުލި ކުޑަކުރުމުން ސަރުކާރުން ވިސާނާފައިވާ ގޮތްތައް ޖަމިއްޔާއާ ވަނީ ހިއްސާކޮށްފައެވެ.

އޭގެ ތެރެއިން އެއް ގޮތަކީ އެޕާޓްމަންޓްތަކުގެ ފިނިޝިން މަސައްކަތްތަކަށް ނެގި ލޯނުތައް ފުރިހަމަކުރުމަށް، 5 އަހަރުގެ މުއްދަތަކަށް ފްލެޓްތަކުގެ ކުލި ކުޑަކުރުމެވެ. ދެވަނަ ގޮތަކީ ހިޔާ ފްލެޓަށް ކުލި ނުދެއްކޭ، މާލީ ހާލަތު ދަށް އާއިލާތައް ދެނެގަނެ އެފަދަ އާއިލާތަކަށް ކުލި ކުޑަކޮށްދިނުމެވެ. އަދި 3 ވަނަ ގޮތަކީ މި މަޝްރޫއުގެ ލޯނު ސަރުކާރުން ދެއްކުމަށް މިހާރު ކަނޑައަޅާފައިވާ 25 އަހަރު، 30 އަހަރަށް އިތުރުކޮށް، ފްލެޓްތަކުގެ ކުލި އެންމެންނަށް ކުޑަކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ