ކ. ދިއްފުށީގައި ފެށި ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު އެއް އަހަރު ތެރޭގައި ނިންމާނެކަމުގެ ޔަޤީންކަން އެ ރަށުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
މިއަދު ދިއްފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މި މަޝްރޫޢުގެ ދަށުން ދިއްފުށީގެ ބިމުގެ ސަރަޙައްދު ދެގުނަ އިތުރުވެގެންދާނެކަމަށް ވިދާޅުވެފައެވެ. އަދި މަސައްކަތް ފަށާފައިވާއިރު، މަޝްރޫޢު ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސް، ހިއްކާ ސަރަޙައްދު ޙިމާޔަތްކޮށް އެއް އަހަރުން ނިންމާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވީ، އާބާދީ އިތުރުވަމުންދާ އަދި އިޤްތިޞާދީ ހަރަކާތްތައް ފުޅާވަމުންދާ ރަށަކަށް ދިއްފުށި ވާއިރު، ބިމުގެ ޖާގަ ނެތުމުގެ ސަބަބުން ރައްޔިތުން ތަޙައްމަލުކުރަމުންދާ ދަތިތައް ނިމުމަކަށް ގެނައުމަކީ އެންމެ ބޮޑު އުއްމީދެވެ. އަދި މި މަޝްރޫޢުގެ ދަށުން 27 ހެކްޓަރުގެ މި ރަށަށް އިތުރު 23 ހެކްޓަރު އިތުރުވެގެންދާއިރު، މިއީ ބޯހިޔާވަހިކަމާއި ރަށު ފަތުރުވެރިކަން ކުރިއެރުވުމަށް ޢުމްރާނީ އެތައް ފުރުޞަތެއް ހުޅުވައިދޭނެ ވަސީލަތެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރަށުގެ ތަރައްޤީގެ މަސައްކަތްތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، ދިއްފުއްޓަކީ ރަށު ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށަކަށްވުމާއެކު، ޑޮލަރު އޭޓީއެމްގެ ޚިދުމަތް މާރޗް މަހުގެ ކުރިން މިރަށުގައި ޤާއިމުކުރާނެކަމަށެވެ. މީގެއިތުރުން، މި އަހަރު ތެރޭގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް ޢަމަލީގޮތުން ފަށާނެކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ފެން ހިންދާ ރަނގަޅު ނިޒާމަކާއެކު މަގުތައް ތަރައްޤީކުރުމާއި، ވޮލީ ކޯޓަކާއި ހޭންޑް ބޯލް ކޯޓެއް ތަރައްޤީކުރުން ހިމަނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ތަޢުލީމީ އަދި ޞިއްޙީ ދާއިރާއަށް ގެނެވޭނެ ބަދަލުތަކުގެ ތެރޭގައި، ސްކޫލް ތަރައްޤީކުރުމުގެ މަސައްކަތުގައި މަލްޓިޕާޕަސް ހޯލާއި، ކްލާސްރޫމްތަކުގެ އިތުރުން ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޚާއްސަ ކްލާސްރޫމްވެސް ހިމެނޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ ސިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑި އިރަށް ބަދަލުކުރުމަށް އަންނަ އަހަރަށް ބަޖެޓުކޮށްފައިވާކަމަށާއި، މި ބަދަލާއެކު އިތުރު ޖާގަ އިތުރުކޮށް އެކްސްރޭއާއި ސްކޭންގެ ޚިދުމަތް ފަދަ ޚިދުމަތްތައް ދޭން ފަށާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ދިއްފުށީގެ ތަރައްޤީއަށް މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ އިތުރުން، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަންކަން ރައްޔިތުންނަށް ހިއްސާކުރެއްވީ، ރަށުގެ މުސްތަޤްބަލު އުޖާލާކުރުމަށް ސަރުކާރުން ދޭ އަހަންމިއްޔަތު ދެއްކުމުގެ ގޮތުންނެވެ. އެގޮތުން، ރަށުގެ ތަރައްޤީގެ މަސައްކަތްތަކުގެ ތެރޭގައި ސްޕޯޓް ފިޝިންއަށް މަގުފަހިކުރުމަށް ރަށް ކައިރީގައި ބޮއެއެއް އެޅުމުގެ މަސައްކަތްވެސް ހިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.



