މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ޗީފް ވޮރަންޓް އޮފިސަރގެ ރޭންކް މުޅިން އަލަށް ފަސް ފަރާތަކާ ހަވާލުކޮށް މަޤާމުގެ ކުރިއެރުންދީފިއެވެ.
މަޤާމުގެ ކުރިއެރުން ލިބުނު ފަސް ބޭފުޅުންނަށް މަޤާމުގެ ލިޔުން ހަވާލު ކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްޢުސްތާޛާ މާރިޔާ އަހުމަދު ދީދީއެވެ. އަދި މިފަސް ބޭފުޅުންނަށް ރޭންކް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އެވެ.
ޗީފް ވޮރަންޓް އޮފިސަރގެ ރޭންކް މިއަދު ލިބުނު ފަސް ބޭފުޅުންގެ ތެރޭގައި އަންހެން ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ.
މިނިސްޓަރަ މާރިޔާ ވިދާޅުވީ، މިއީ 130 އަހަރަށް ވުރެ ގިނަ އަހަރުވެފައިވާ މިމުވައްސަސާގައި ފުރަތަމަ ފަހަރަށް ޗީފް ވޮރަންޓް އޮފިސަރގެ ރޭންކަށް މީހުން އައްޔަންކުރެއްވި ފުރަތަމަ ފަހަރު ކަމަށާއި މިފަސް ބޭފުޅުންގެ ދައުރު ސިފައިންގެ ތާރީހުގައި ލިޔެވިގެން ދާނެ ކަމަށެވެ.