- Advertisement -ad image

ރައީސް ޔާމީންގެ ހަށިކޮޅަށް ގެއްލުންދޭން ގޮވާލި މައްސަލަ ތަހުގީގު ކުރަން އިދިކޮޅުން ގޮވާލައިފި

ad image

ގުޅުންހުރި ލިޔުންތައް


އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު ޝިފާޢު ގޮވާލި ގޮވާލުން ހަރުކަށިކޮށް ކުށްވެރިކޮށް
މައްސަލަ ތަޙުޤީޤުކުރުމަށް އިދިކޮޅުން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ޝިފާއު ރައީސް ޔާމީންގެ އަތްޕުޅު ބުރިކުރުމަށް ގޮވާލި ގޮވާލުމަކީ ޓެރަރިޒަމަށް ހިތްވަރުދޭ ޢަމަލަކަށްވާއިރު، މިމައްސަލަ ލަސްކުރުމެއް ނެތި ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤްކޮށް ދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ގޮވާލާ ކަމަށެވެ.
“ ޝިފާއުއަކީ މިސަރުކާރު ދިފާޢުކޮށް އެންމެ އަޑުގަދަކޮށް ވަކާލާތުކުރައްވާ އެމްޑީޕީއަށް ނިސްބަތްވާ މެންބަރަކަށްވާއިރު، އިބްރާހީމް މުހައްމަދު ޞާލިޙަށާއި މިސަރުކާރަށް ތާއީދު ކުރާ މަޖިލީހުގެ މެންބަރުންގެ އިތުރުން އިބްރާހީމް މުޙައްމަދު ޞާލީހުގެ ކެބިނެޓްގެ ބައެއް ވަޒީރުންވެސް އެމަނިކުފާނަށް އަނިޔާކޮށް ނިޒާމުން ގެއްލުވާލަން މަސައްކަތްކުރާކަން ދަނީ ފާހަގަވަމުންނެވެ. އެގޮތުން މެއި މަހުގެ އެއްވަނަ ދުވަހު މިސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ކުރެއްވި ޒާތީ ޓްވީޓެއްގައިވެސް އެމަނިކުފާނަށް އަނިޔާވެރިވާނޭކަމަށް ވަނީ ވިދާޅުވެފަ “ އިދިކޮޅުގެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ވަނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ އެ ކޯލިޝަންގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ކަމަށާއި ކަންމިހެން އޮތްއިރު، ސަރުކާރުގެ ނުފޫޒުން ހަރާން ޙުކުމެއް ޖަހައި އަނިޔާވެރިވަމުންދާއިރު، ކުރިއަށް އޮތްތާ އެމަނިކުފާނަށް އިތުރު އަނިޔާދީ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންކަން ގެންގޮސްދާނެކަމުގެ ބިރު އޮތްކަން ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މިސަރުކާރަށް ތާއީދުކުރައްވާ މަޖިލީހުގެ މެންބަރުންގެ ބަސްމަގުން ސާފުވަމުންދާތީ، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވަގުތުން ވަގުތަށް އެމަނިކުފާނު ގެކޮޅަށް ބަދަލުކޮށްދެއްވުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް އިދިކޮޅުގެ ބަޔާނުގައި ގޮވާލާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ