ރައަިސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަށް ވަގަށް ގޮވި މައްސަލާގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ މަގާމުން ވަކިކޮށްފިއެވެ.
ސްޓޭޓް މިނިސްޓަރަކަށް މުޣުނީ އައްޔަނު ކުރައްވާފައިވާ ޖުމުހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.
މުޣުނީ މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސާލިހު ލީޑުކުރައްވަނީ ސަރުކާރު ކުންފުނިތަށް ހިންގުމުގެ ގާބިލްކަމެއް ނެތް ވަގުންތަކެއް ކަމަށެވެ.
“ފެނަކަ ސައީދު، އީސީ ޝަރީފު، ވަގު މޫކޭ، ވަގު އާތިފް، ކޮށީގޭ ސައީދު، އެމްއޭސީއެލް މަހްޖޫބް، ވެމްކޯގެ އަންހެން މުވައްޒަފުންނަށް ގޯނާކުރާ ސިރާޖް،” މިފަދައިން މުޣުނީގެ ޓްވީޓްގައި ލިޔުއްވާފައި ވެއެވެ.
ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މުޣުނީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ “ހިންނަވަރު ވަގު އިބްރާހީމްބެ” ދައުލަތުގެ ކުންފުނިތަކުގެ ވެރިންނަށް ލައްވާފައިވަނީ ކޮރަޕްޓު ވަގުންގެ ޓީމެއް ކަމަށެވެ. އެ ޓީމުގައި އެ ކުންފުނިތައް ހިންގުމުގެ ޤާބިލުކަމެއް އެއްވެސް މިންވަރަކަށް ނެތް ކަމަށެވެ.

މުޣުނީ މަގާމުން ވަކިކުރި ކަން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވަނީ ބައެއް ނޫސްތަކަށް ކަށަވަރުކޮށްދެއްވާފައެވެ.