މިއަދާ ހަމައަށްވެސް ޕީޕީއެމުން ހަދަމުން އައީ ރައީސް ޔާމީން އަންގަވާ ގޮތެއް ކަމަށާއި ކުރިއަށް އޮތްތާނގާ ވެސް ހަދަމުންދާނީ އެމަނިކުފާނު ވިދާޅުވި ގޮތެއް ކަމަށް މާލޭ ސިޓީ ކައުންސިލްގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ އަބަދުވެސް ޕީޕީއެމް އޮންނާނީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި އެމަނިކުފާނު އެންގެވި ކޮންމެ ކަމެއް ކުރަން ތައްޔާރަށް ކަމަށާއި އެކަން ބަދަލެއް ނުވާނެ ކަމަށެވެ.
ޝުޖާއު ވިދާޅުވީ ރައީސް ޔާމީނާއިއެކު ތިން މަސް ފަހުން ޕީޕީއެމް އިން ވެރިކަމަށް އަންނާނެ ކަމަށާއި މިނިވަން މުއައްސަސާތައް ހައްގަށް ބަސް ބުނަން އަޒުމު ކަނޑައަޅަންވެއްޖެ ކަމަށެވެ.
“ އިންސާފަށް ބަސް ނުބުނާނަމަ ފަނޑިޔާރެއް، އެހެންތަނެއް ނުބަލާނަން. ކަނޑު ވިއްކާލައިގެން ލާރި ކައިގެން ނުތިބެވޭނެ “ ޝުޖާއު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ދިވެހިންނަށް ތަރައްގީ ޔަގީންކޮށްދެއްވި ރައީސް މިއަދު ވެސް ޖަލުގައި އޮންނަން ޖެހިފައި އޮތް ސަބަބަކީ ރާއްޖެ އިން އިންޑިއާ ސިފައިން ބާލަން ގޮވާލުން ކަމަށެވެ.
ނަމަވެސް އަނިޔާވެރިކަމުން ސަލާމަތްވެ ރައީސް ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.



