- Advertisement -ad image

އަބްދުﷲ ޖަމީލްގެ ޖަނާޒާ ރަސްމީ އިއްޒަތުގައި

ad image

ގުޅުންހުރި ލިޔުންތައް


ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ގެ ލަޤަބް އަރުވާފައިވާ ކުރީގެ މިނިސްޓަރ މާފަންނު ދޫރެސް ޢަބްދުﷲ ޖަމީލް އަވަހާރަވުމުގެ ހިތާމައިގައި ޖޫން މަހުގެ 13 ވާ އަންގާރަ ދުވަހުން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ޤައުމީދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
ޢަބްދުﷲ ޖަމީލް އަވަހާރަވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި މާފަންނު ދޫރެސްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 87 އަހަރެވެ.

ޢަބްދުﷲ ޖަމީލުގެ ޖަނާޒާ ބޭއްވެވުމަށް ސަރުކާރުން ހަމަޖައްސަވައިފައި ވަނީ ރަސްމީ އިއްޒަތުގައެވެ. މޫނުފުޅު ދެއްކުން އޮންނާނީ އިސްލާމީ މަރުކަޒުގައެވެ. ކަށުނަމާދު އޮންނާނީ މިއަދުގެ ޢަޞްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޖަމީލަކީ، 54 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ދިވެހި ދައުލަތަށާއި ދިވެހި ޤައުމަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ސަރުކާރުގެ ޚިދުމަތް އެ މަނިކުފާނު އެންމެ ފުރަތަމަ ފެށްޓެވީ، 6 މޭ 1953 ގައި ވުޒާރަތުލް މުވާޞަލާތުގެ އޮބްޒަރވަރެއްގެ ވަޒީފާއިންނެވެ. ދޮޅު އަހަރެއްހާ ދުވަހު އެ ވަޒީފާގައި ޚިދުމަތް ކުރެއްވުމަށްފަހު، ދެން ބަދަލުވެވަޑައިގަތީ، ވުޒާރަތުލް މާލިއްޔާގެ ކާތިބެއްގެ ވަޒީފާއަށެވެ. އޭގެފަހުން ސަރުކާރުގެ އެކި އިދާރާތަކުގެ ތަފާތު މަގާމުތައް ފުރުއްވިއެވެ. އެގޮތުން، ފުރުއްވި މަގާމުތަކުގެ ތެރޭގައި، ވަޒީރުލްއަޢުޡަމްގެ އޮފީހުގެ ސެކްރެޓެރީ ކަމާއި، ހިންގާ ސެކްރެޓެރީ ކަމާއި، ވުޒާރަތުއް ދާޚިލިއްޔާގެ ސެކްރެޓެރީ ކަމާއި، ހިންގާ ސެކްރެޓެރީ ކަމާއި، ކޮޔަރ އެންޑް ކަވަރީޒް އެޑްވައިޒަރީ ބޯޑުގެ ހއ.މެންބަރު ކަމާއި، އެ ބޯޑުގެ ތ. އަތޮޅު މެންބަރު ކަމާއި، ސިނަމާ ކުންފުނީގެ ވިޔަފާރީގެ މެނޭޖަރު ކަމާއި، ޤައުމީ ކުންފުނީގެ ވިޔަފާރި މެނޭޖަރު ކަމާއި، ޤައުމީ ކުންފުނީގެ 1 ނަންބަރު މަސް ފިހާރައިގެ މެނޭޖަރުކަން ހިމެނެއެވެ.
ޢަބްދުﷲ ޖަމީލަކީ، ރައީސް އިބްރާހީމް ނާޞިރުގެ ރައީސްކަމުގެ ދައުރުގައިވެސް ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވައިފައިވާ ބޭފުޅެކެވެ. 11 ނޮވެންބަރު 1968 ގައި ރައީސް އިބްރާހީމް ނާޞިރު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ޢަބްދުﷲ ޖަމީލް ހަމަޖެއްސެވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޚާއްޞަ ވަކީލު ކަމުގެ މަގާމަށެވެ. އެއީ، 13 ނޮވެންބަރު 1968 ގައެވެ. އޭގެފަހުން، އެ މިނިސްޓްރީގެ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަކީލު ކަމުގެ މަގާމާއި، އޯޑިޓް އޮފީހުގެ ވެރިޔާ ކަމުގެ މަގާމާއި، ޕަބްލިކް މެއިންޓެނަންސް ޑިވިޜަން (ހ)ގެ ވަކީލު ކަމުގެ މަގާމާއި، ކޮންޓްރޯލް އޮފް ކޮމިއުނިކެބްލް ޑިޒީޒަސް ޑިވިޜަންގެ ވަކީލު ކަމުގެ މަގާމާއި، ޝިޕިންގ ޑިޕާޓްމަންޓްގެ ވަކީލު ކަމުގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ.

11 ނޮވެންބަރު 1978 ގައި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ޢަބްދުﷲ ޖަމީލް ޢައްޔަން ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ޕްރައިވެޓް ސެކްރެޓެރީ ކަމުގެ މަގާމަށެވެ. އޭގެފަހުން 16 ޑިސެންބަރު 1978 ގައި ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓެރީ ކަމުގެ މަގާމަށް އެމަނިކުފާނު ބަދަލުކުރެއްވިއެވެ. އަދި 11 ނޮވެންބަރު 1982 ގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ކަމުގެ މަގާމަށް އެ މަނިކުފާނު ޢައްޔަން ކުރެއްވިއެވެ.

11 ނޮވެންބަރު 1983 ގައި ރައީސް މައުމޫން، ދެވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ހުވާކުރެއްވުމަށްފަހު، އެ މަނިކުފާނުގެ ކެބިނެޓްގައި ޢަބްދުﷲ ޖަމީލް ހިމެނުއްވިއެވެ. ޢަބްދުﷲ ޖަމީލް ޢައްޔަން ކުރެއްވީ، މިނިސްޓަރ އޮފް ހެލްތުގެ މަގާމަށެވެ. އޭގެފަހުން ރައީސް މައުމޫންގެ ރިޔާސީ ތިންވަނަ ދައުރުގެ ކެބިނެޓް އެކުލަވައިލެއްވިއިރު، ޢަބްދުﷲ ޖަމީލް ޢައްޔަން ކުރެއްވީ، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ކަމުގެ މަގާމަށެވެ. އޭގެފަހުން މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން ކަމުގެ މަގާމާއި، މިނިސްޓަރ އޮފް ޓޫރިޒަމް ކަމުގެ މަގާމާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަމުގެ މަގާމާއި، އަދި މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ހައުސިންގ ކަމުގެ މަގާމު އެ މަނިކުފާނު ފުރުއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެއޮފީހުގެ މިނިސްޓަރު ކަމުގެ މަގާމާއި، ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަގާމުވެސް އެ މަނިކުފާނު ފުރުއްވައިފައި ވެއެވެ. މީގެއިތުރުން، ޒުވާނުންގެ މަރުކަޒުގެ ރައީސް ކަމުގެ މަގާމާއި، މާފަންނު އަވަށު އޮފީހުގެ ވެރިޔާކަންވެސް ކުރައްވައިފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ