މިއަހަރުގެ ރިޔާސީ އިންތިޚާބުގައި 600 އަށްވުރެ ގިނަ ވޯޓުފޮށި ބެހެއްޓުމަށް ނިންމާ ވޯޓަރސް ލިސްޓް މިއަދު އިލެކްޝަނުން އާއްމުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ލިސްޓްގައި ވޯޓުލުމުގެ ހައްގު 282755 މީހުންނަށް ލިބިފައިވެއެވެ. އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި 197 ޝަކުވާއެއް ވަނީ ހުށަހަޅާފައިކަމަށާއި އޭގެ ތެރެއިން އެކި ސަބަބުތަކާއިހުރެ 69 ޝަކުވާއެއް ބަލައި ނުގަންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ކޮމިޝަނުން ޢާންމުކުރި ލިސްޓަށް ހުށަހެޅުނު އިދާރީ ޝަކުވާތަކަށްފަހު، ވޯޓާސް ލިސްޓުގެ ޝަކުވާތަކަށް ހުޅުވާލި ލިސްޓުން އުނިކުރި ނަންތަކާއިއެކު މިހާރު ވޯޓު ދިނުމުގެ ހައްގު ލިބެނީ 282،672 މީހަކަށެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ މީހުންނަށް އޮންލައިންކޮށް ރީ-ރަޖިސްޓްރީކުރެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަވައި، ރިޔާސީ އިންތިޚާބުގެ ޤަވާއިދު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ޢާންމުކޮށްފައެވެ.
ރީ-ރަޖިސްޓްރޭޝަނަށް އަންނަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 5 ވަނަ ދުވަހާހަމައަށް ހުޅުވާލުމަށް އިލެކްޝަނުން ވަނީ ނިންމާފައެވެ.
ވޯޓުލާ މީހުންގެ ލިސްޓުގައި ނަން އޮތްތޯ ނުވަތަ ނަން އޮތީ ރަނގަޅަށްތޯ ޗެކް ކޮށްލުމަކީ، ވޯޓުލާ މީހުންގެ ސައްހަ ލިސްޓެއް ތައްޔާރުކުރުމަށްޓަކައި، ޕާޓީތަކުންނާއި، ކެނޑިޑޭޓުންނާއި، ފަރުދީގޮތުންވެސް ކުރެއްވުން ވަރަށް މުހިންމުކަމެެކެވެ. ލިސްޓުގައި ނަން އޮތްތޯ ބެލުމަށް 1414 އަށް ގުޅުއްވައިގެން ނުވަތަ އެސް.އެމް.އެސްއެއް ފޮނުއްވައިގެންވެސް ޗެކް ކޮށްލެއްވޭނެއެވެ. މި ލިސްޓު އީސީގެ ވެބްސައިޓުންނާއި، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ އިދާރާއިން ވެސް ބެއްލެވޭނެއެވެ. ލިސްޓުގައި ނަން އޮތްތޯ ބަލަން އެސްއެމް ފޮނުވާނީ VR (space) ID number ޖެއްސެވުމަށްފަހު 1414 އަށެވެ.



