- Advertisement -ad image

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ ގޮތް މިހާރުން މިހާރަށް ހެދުމަށް އިދިކޮޅު ޕީޕީއެމުން ސަރުކާރަށް ގޮވާލައިފި

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގަވައިދުން ބޭއްވޭނެ މަގު ފަހިކޮށްދިނުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.
އިދިކޮޅުން މިކަމަށް ގޮވާލާފައިމިވަނީ މިރޭ ނެރުނު ބަޔާނެއްގައެވެ. އެގޮތުން އެބަޔާނުގައި ސަރުކާރު ލީޑުކުރާ އެމް.ޑީ.ޕީ ގެ މެޖޯރިޓީއާއިއެކު ހިނގަމުންދާ ރައްޔިތުންގެ މަޖިލިސް، ސަރުކާރުން ރާވައިގެން ހުއްޓުމަކަށް ގެނެސްފައި އޮތް އޮތުން، ވަނީ ކުށްވެރި ކޮށްފައެވެ. އަދި މިގޮތަށް މަޖިލިސް ހުއްޓުމަކަށް ގެނެސްފައި މިވަނީ ސަރުކާރުގެ މެޖޯރިޓީ އޮވެމެ، ސަރުކާރުން ބޭނުންވެގެންކަމަށް ދެކޭ ކަމަށާއި ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ 3 ބާރުގެ ތެރެއިން އެއް ބާރުކަމަށް ވީހިނދު، މާދަމާވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނުބޭއްވުމަކީ އެ ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
‎” ރައްޔިތުންގެ މަޖިލީހަކީ ސަރުކާރާއި މިނިވަން މުއައްސަސާތަކާއި ވަޒީރުން ޖަވާބުދާރީ ކުރުވުމުމަށް އޮތް ދައުލަތުގެ އެންމެ މުހިންމު އެއް ބާރު ކަމަށްވީހިނދު، ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުން މަރުތަޅު އަޅުވާފައި އޮތުމާއެކު މިހާރު ދިވެހި ދައުލަތް ހިނގަމުން މިދަނީ ޤާނޫނުއަސާސީގައި ބަޔާންކުރާ 3 ބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން ނޫންކަން ފާހަގަކުރަމެވެ. އަދި މިގޮތަށް މިކަން މިކުރަނީ ރިޔާސީ އިންތިޚާބާ މިހާ ގާތްވެފައިވަނިކޮށް، ހީލަތްތެރިކަމާއެކު ދުރާލާ ސަރުކާރުން ރާވައިގެން، ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށާއި ރައްޔިތުންގެ އަޑު ކަނޑުވާލައި، އިދިކޮޅު ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަނިޔާ ދިނުމަށް ކަމުގައި ދެކެމެވެ. އަދި މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ “ އިދިކޮޅުގެ ބަޔާނުގައިވެއެވެ.
‎މީގެ އިތުރުން އެބަޔާނުގައި އިތުރަށް ބުނީ ދިވެހި ދައުލަތުގެ ކީރިތިކަމާއި މޫރިތިކަން ނަގާލައި، ޤައުމުގެ ސިޔާދަތާއި މިނިވަންކަން ގެއްލުވާލައި، ދައުލަތުގެ ތިން ބާރު މައްސުނިކޮށް، ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އެޅުވުމަކީ ޚުދުމުޚުތާރު، ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.
އަދި ދިމިގުރާތީ ސިފަތަކާ ބީރައްޓެހި ސިފައެއް ކަމަށެވެ.
‎ދުވަހަކުވެސް ދިވެހި ދައުލަތް ނުވެއްޓޭފަދަ ނާޒުކު ޙާލަތަކަށް ދިވެހި ޤައުމު ވެއްޓިފައިމިވާ ދަނޑިވަޅުގައި ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުން ހުޝިޔާރުވެ، އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް އިދިކޮޅުގެ ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ. މީގެ އިތުރުން މިނިވަން މުއައްސަސާތަކުން ރާއްޖޭގައި ހިނގަމުންދާ ޤާނޫނާ ޚިލާފު ކަންކަމަށް ފާރަވެރިވުމަށް ގޮވާލުމާއެކު ރައްޔިތުންގެ މަޖިލިސްގެ ޖަލްސާތައް ބޭއްވޭނެގޮތެއް މިހާރުން މިހާރަށް ހެދުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ