ސިފައިންގެ އަހަރީ ދުވަހުގެ ހާއްސަ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ކެމްޕެއިން ކުރައްވައިފިއެވެ.
މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓޭނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ދެ ވަނަ ދައުރެއް ލިބިވަޑައިގަންނަވައިގެން ކަމަށެވެ. ނަމަވެސް ހަމަ މިނޭވާގައި މާރިޔާ ވިދާޅުވީ ސިފައިންނަކީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން ގާނޫނުން މަނާކުރެވިފައިވާ ބައެއްކަން ހަނދާން ކުރަންޖެހޭ ކަމަށެވެ. އަދި އެއްވެސް ސިފައިންގެ މީހަކު ސިޔާސީ އޮއިވަރުގައި ޖެހި، ސިޔާސީ ކަންކަމުގައި ބައިވެރިނުވުމަށް މާރިޔާ ވަނީ ނަސޭހަތްތެރިވެފައެވެ.
ރާއްޖޭގެ ޑިފެންސް މިނިސްޓަރަކު މިހާ ފާޅުކަން ބޮޑުގޮތެއްގައި ސިފައިންގެ ހަފުލާއެއްގައި ކެންޑިޑޭޓަކަށް ކެމްޕެއިން ކުރެއްވި މީ ފުރަތަމަ ފަހަރެވެ.
ސިފައިންގެ ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގައި ސިފައިންގެ ވަޒީފާގައި އުޅޭ އެއްވެސް މީހަކު ރަޖިސްޓްރީ ވުމަކީ މަނާ ކަމެކެވެ. އަދި ސިޔާސީ އެއްވެސް ހަރަކާތެއްގައިވެސް ސިފައިންނަކަށް ބައިވެރިއެއް ނުވެވޭނެއެވެ.




