- Advertisement -ad image

ލޯފަން މީހުންނަށް އަމިއްލައަށް ވޯޓުލެވޭ އިސްލާހު ތަސްދީގުކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް


ލޯފަން މީހުންނަށް އަމިއްލައަށް ވޯޓްލުމާއި، ރިޔާސީ ކެނޑިޑޭޓުން ނަން ހުށަހެޅުމުގެ މުއްދަތާއި ގުޅޭގޮތުން އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނަށް ގެންނެވި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ތަސްދީގު ކުރައްވައިފިއެވެ.

އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނަށް ގެންނެވި އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާއި ގުޅިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މި އިސްލާހުތަކަށް އަމަލުކުރާނެއެވެ.

މި އިސްލާހުތަކަކީ ޖޫން 19 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 13 ވަނަ ޖަލްސާއިން ފާސްކުރި ބިލުތަކެކެވެ.

އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނަށް 3 ވަނަ އިޞްލާޙް ގެނައުމުގެ ބިލުގައި ގެނެސްފައިވާ އިސްލާޙުތަކުގެ ތެރޭގައި އެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް އަކުރެއް އިތުރު ކުރުމާއި، އެ ޤާނޫނުގެ 45 ވަނަ މާއްދާގެ ފަހަތަށް، މާއްދާއެއް އިތުރު ކުރުން ހިމެނެއެވެ. މިގޮތުން މިޤާނޫނަށް ގެނެވުނު މައިގަނޑު އިސްލާޙަކީ، ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހުންގެ ތެރެއިން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، އެހެން މީހެއްގެ އެހީތެރިކަމާއި ނުލައި، ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް އެދޭނަމަ، އެކަން ކުރާނެ ގޮތް ބަޔާންކުރުމެވެ.
މި އިޞްލާޙުގައި ބަޔާންކުރާގޮތުން ފެނުމުން މަޙްރޫމްވެފައިވާ މީހުން ވޯޓުލުމަށްޓަކަށް، ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓު ކަރުދާހުގައި ފާހަގަޖެހިދާނެއެވެ. އެގޮތުން ވޯޓު ކަރުދާހުގެ ތެރެއަށް ލައިގެން ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީގޮތުން ހަރުކޮށްގެން، ވޯޓުލުމަށް އެހީތެރިވެދޭ ގޮތަށް ތައްޔާރުކޮށްފައިވާ، އެތެރެ ފެންނަ ޕްލާސްޓިކް ޑިވައިސެއް ބޭނުންކުރެވިދާނެ ކަމަށް އިޞްލާޙްގައިވެއެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ހުށައަޅުއްވާފައިވާ އިޞްލާޙުގައިވާ ގޮތުން ވޯޓު ކަރުދާސް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާ ފަރާތްތަކަށް އެ ފުރުޞަތު ދިނުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތަކާއެކު މި ފަރާތްތަކަށް ވޯޓުލެވޭނެ ގަވާއިދެއް އިލެކްޝަން ކޮމިޝަނުން ކަނޑައަޅުއްވަންވާނެއެވެ. ފެނުމުން މަޙްރޫމްވެފައިވާ މީހުންވެސް ވޯޓްފޮށްޓަށް ވޯޓު ކަރުދާސް ލާންވާނީ ވޯޓުގެ ސިއްރުކަން ނުގެއްލޭނެ ގޮތަށް ކަރުދާސް ފަތްޖަހާފައި ކަމަށް އިޞްލާޙުގައި ވެއެވެ.
މިޤާނޫނަށް ގެންނެވި އަނެއް މުހިންމު އިޞްލާޙް ގެނެސްފައިވަނީ، 5 ވަނަ މާއްދާގެ (ރ) އަށެވެ. މިގޮތުން އެ މާއްދާއަށް ގެނެސްފައިވާ މައިގަނޑު އިޞްލާޙަކީ، ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން އެކަމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުމަށް ދީފައި އޮންނަ 10 ދުވަހުގެ މުއްދަތު 14 ދުވަހަށް އިތުރުކުރުމެވެ.
ރިޔާސީ އިންތިޚާބު ބޭއްވެވުމަށް ނިންމަވާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަވަން ޖެހިއްޖެނަމަ ސެޕްޓެމްބަރު 30ގައި 2 ވަނަ ބުރުގެ ވޯޓުލުން ބޭއްވެވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ