މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާނީ އަންނަ ޖުލައި މަހުގެ 23 ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިޚާބު 2023 އަށް ކުރިމަތިލާ މީހުންގެ އެޕްލިކޭޝަން، އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގެ) އަށް، އީސީ އިން ބަލައިގަންނާނީ، ޖުލައި 23 ވާ އާދީއްތަ ދުވަހުން ފެށިގެން، އޮގަސްޓް 7 ވާ ހޯމަދުވަހު ގެ ނިޔަލަށް ކަމަށެވެ.
ނަމަވެސް ރިޔާސީ އިންތިހާބުގެ ގާނޫނަށް، (އެޕްލިކޭޝަން ބަލައިގަތުުގެ މުއްދަތަށް) ގެނައި ބަދަލުގެ ސަބަބުން، ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރާ ތާރީޚަށް ބަދަލެއް ނާންނާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.
ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ރިޔާސީ އިންތިޚާބު ބޭއްވުމަށް އިއުލަން ކުރެއްވި ދުވަހު ކޮމިޝަނުން ކަނޑައަޅުއްވާފައިވަނީ ކެނޑިޑޭޓުންނަށް ކުރިމަތިލުމަށް ހުޅުވާލާ މުއްދަތަކީ ޖުލައި 23 އިން 3 އޮގަސްޓް އަށް ކަމުގައެވެ. ނަމަވެސް އިންތިޚާބާ ބެހޭ ޢާންމު ޤާނޫނަށް ގެނައި އިޞްލާޙާއިއެކު މިމުއްދަތު ވަނީ 10 ދުވަހުން، 14 ދުވަހަށް އިތުރުކޮށްފައެވެ.
ރިޔާސީ އިންތިޚާބުގެ މުހިންމު ތާރީޚުތައް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ، ޤާނޫނަށް ބަދަލު އަތުވެދާނެ ކަމަށް ވިސްނައިގެން ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.
އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ މެދުގައި ގުރުއަތުލުން އޮންނާނީ، ކެމްޕޭން ކުރުމަށް 30 ދުވަސް ލިބޭގޮތަށް، އޮގަސްޓް 9 ވާ ބުދަދުވަހުއެވެ.



