މިނިވަން އިންސާފުވެރި އިންތިހާބެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށް ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ 2008 ވަނަ އަހަރު ގާނޫނު އަސާސީ ތަސްދީގުކޮށް ރިޔާސީ އިންތިހާބަކަށް ތައްޔާރުވަމުން ދިޔައިރު ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާ ކޮށްފައި އޮތް ކަމަށާއި ނަމަވެސް އެމައްސަލަ ދައުލަތުން އަނބުރައި ގެނައީ ގޮތް ނިންމާނީ ރައްޔިތުން ކަމަށް އޭރުގެ ސަރުކާރުން ގަބޫލު ކޮށްގެން ކަމަށެވެ.
އަދި ހުރިހާ އެންމެނަށް ބައިވެރިވެވޭ އިންތިހާބެއް މިއީ ބޭސިކް ޑިމޮކްރެޓިކް ޕްރިންސިޕަލް ކަމަށާއި މިގާނޫނު އަސާސީ ތަސްދީގު ކުރިއިރު ރައީސް ނަޝީދުގެ މައްޗަށް އޮތް ދައުވާ އަނބުރާ ގެންދެވީ އޭނާ ކަމަށް އާޒިމާ ވިދާޅުވިއެވެ.
“ އެދައުވާ އަނބުރާ ގެނައީ އަޅުގަނޑު. އަޅުގަނޑުގެ ބަންޑާރަނައިބު ކަމުގައި. ކީއްވެގެންތޯ އެސަރުކާރުން އެގޮތައް ނިންމީ؟ ރައީސް މައުމޫނާއި އަޅުގަނޑުމެންގެ މަޝްވަރާގެ ދަށުން (ނިންމީ) ރައްޔިތުންނޭ ގޮތް ނިންމާނީ. މިފުރުސަތުގައި ހުރިހާ ސިޔާސީ ލީޑަރުންނަށް ފުރުސަތު ދޭން ޖެހޭނެއޭ.” އާޒިމާ ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބު ބާއްވަނީ އަންނަ ސެޕްޓެމްބަރ މަހުގައެވެ. ނަމަވެސް އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން މިވަގުވެސް ހުންނެވީ ޖަލުގައެވެ.
އިދިކޮޅުން ތުހުމަތު ކުރަމުންދަނީ ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.



