ރިޔާސީ އިންތިޚާބަށް 75 ދުވަހަށް ވުރެ ގާތްވެފައިވަނިކޮށް، މާލޭ ސަރަޙައްދުގައިވާ ދިވެހި ރައްޔިތުންގެ ބިންތައް އެންމެ ޙައްޤުވާ ފަރާތްތައް ބެލުމެއް ނެތި، ނަހަމަ ގޮތުގައި ބަހާލި ބާހަލުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް އިދިކޮޅު ކޯލުޝަނުން ބުނެފިއެވެ.
އެކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މިއީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހިންގި ސިޔާސީ ޢަމަލެއްކަމުގައި ޤަބޫލުކުރާ ކަމަށެވެ.
އަދި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި މާލޭ ސަރަޙާއްދުން ހިއްކާފައިވާ ބިންތަކުގައި ހުސްކޮށް ބިން ކޮޅެއް އޮތްނަމަ އެބިންތައް ވަނީ އެއްވެސް އިންސާފެއް ނެތި އިބްރާހީމް މުހައްމަދު ޞާލިޙުގެ ގާތް މީހުންނާއި ސަރުކާރުގެ ބޮޑުންނަށް ބަހާލާފައި ކަމަށާއި އޭގެ ތެރޭގައި ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ގުޅީފަޅު ގެ އިތުރުން އަދި ހިއްކުމުގެ އީޕީއޭވެސް ހަދާފައި ނުވާ ސަރަޙައްދުތައް ހިމެނެ ކަމަށެވެ.
“ ގޯތި ބެހުމުގައި އެއްވެސް އިންސާފުވެރިކަމެއް ނެތްއިރު މިސަރުކާރުގެ 20000 ފްލެޓްގެ ވަޢުދު ފުއްދުމަށް ކުރެވުނު މަސައްކަތެއް ނެތެވެ. އަދި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފަށްޓަވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ އެތައް ފްލެޓެއް ހުސްކޮށް އެއްވެސް ރައްޔިތަކަށް ނުދީ އެތަންތަން ނިންމުމަށްވެސް އެއްވެސް މަސައްކަތެއް ނުކޮށް ހުރިކަންވެސް ފާހަގަ ކުރަން “ އިދިކޮޅުގެ ބަޔާނުގައިވެއެވެ.
ހަމަހަމަކަމެއް އިންސާފެއް ނެތި ޙައްޤުވާ ފަރާތްތައް ބެލުމެއް ނެތި ރާއްޖޭގެ އެތައް ރައްޔިތަކު ބާކީކޮށް ގާތް އެކުވެރިންނާއި ސަރުކާރުގެ ބޮޑުންނަށް ބިން ތައް ބަހާލުމާއި، ހިއްކާފައި ނުވާ ސަރަޙައްދުތަކަކުން ގޯތި ހަމަޖައްސައިދީ ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން ހިންގާފައިވާ ޖަރީމާތައް އެސީސީއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ބެލުމަށް ވެސް އިދިކޮޅުން ގޮވާލާފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ ބޯހިޔާވަހިކަމުގެ ބޭނުންޖެހިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް މާލޭ ސަރަޙައްދުން ބޯހިޔާވަހިކަން ލިބޭނޭ އިންތިޒާމު ހަމަޖައްސަވައިދެއްވުމަކީ ރައީސް ޢަބދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސިޔާސަތެއް ކަމަށެވެ.