ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވަނީ އުންމީދީ މަސައްކަތްތަކެއް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި 59 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާދަމް ނަޞީރުވަނީ މިނިވަންކަމަކީ ހިންމަތާއި ގަދަ ޢަޒުމާއެކުކުރާ މަސައްކަތަކުން ހޯދޭ އެއްޗެއްކަމަށްވާއިރު ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް ރައީސް ޑރ. މުޢިއްޒު، ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅުއްވާކަމަށް ވިދާޅުވެފައެވެ.
އަދި ރައީސް މުޢިއްޒަކީ އަނިޔާއާއި ލާއިންސާނީ ކަންކަން ދުނިޔޭގެ އެއްވެސް ހިސާބެއްގައި އޮންނަން ބޭނުންވާ ބޭފުޅެއް ނޫންކަން ފާހަގަކުރައްވާ ވަޒީރުވަނީ، އެކަން ދޭހަވަނީ ފަލަސްޠީނުގެ މުސްލިމުންނަށް ދެމުންގެންދާ ލާއިންސާނީ ޙަމާލަތަކާ ދެކޮޅަށް އަޑުއުފުއްލަވާ، އެ މައްސަލައާމެދު ރައީސް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ.
މިރޭ ބޭއްވި މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް ވަނީ ދިވެހި ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ޝަރަފުގެ ބެޖާއި، ޝަރަފުގެ އައްޑަނަ ދެއްވާފައެވެ.