ސަރުކާރުން ހިލޭ ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އެކުލަވާލާފައި އޮތް ގޮތުގެ ސަބަބުން އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ ލިސްޓު އާދަޔާ ޚިލާފަށް ބަލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު އުޅުއްވަނީ ދިވެހިރައްޔިތުންގެ ބަހެއް ނެތި ދިވެހި ގައުމުގެ ކަންކަން ނިންމެވުމަށް ކަމަށާއި، ދިވެހިންނަށް ނުލިބި ދިވެހި ބިމުން ބިދޭސީންނަށް ޚާއްސަކޮށް ގިނަ އަދަދެއްގެ އިންޑިއާ މީހުންނަށް ގޯތި ލިބުނުގޮތެއް އޭސީސީން ބަލަން ޖެހޭކަމަށެވެ.
” މިފަހަރު އިބްރާހީމް މުހައްމަދު ސޯލިހު ހިފާފަ މިހުރީ ދިވެހި ރައްޔިތުންގެ ބަހެއް ނެތި ގައުމުގެ ކަންކަން ނިންމަން. ދިވެހިންނަށް ނުލިބި ބިދޭސީންނަށް ދިވެހި ބިމުން ޚާއްސަކޮށް ގިނަ އަދަދެއްގެ އިންޑިއާ މީހުންނަށް ގޯތި ލިބުނު ގޮތެއް ބަލަންޖެހޭ” ޝިޔާމް ވިދާޅުވިއެވެ.
ބިންވެރިޔާ ސްކީމުން ހިލޭ ބަހާ ގޯތި ލިބޭ މީހުންގެ ލިސްޓް ސަރުކާރުން އާއްމު ކުރި އިރު ބިދޭސީ 3 މީހެއްގެ ނަން އެ ލިސްޓްގައި އެބައޮތެވެ. ހައުސިން މިނިސްޓްރީން ބުނީ މިހާރު އާއްމުކޮށްފައިވަނީ ވަގުތީ ލިސްޓެއް ކަމަށާއި ހިލޭ ގޯތިލިބޭ މީހުންގެ ވަގުތީ ލިސްޓް ފަހުން އާއްމު ކުރާނެ ކަމަށެވެ.
ގޯތި ލިބޭ މީހުންގެ ލިސްޓް އާއްމުކުރި އިރު މާލޭގައި ބޮޑެތި ގެތައް ބުރިބުރިއަށް ނަގައި ބޮޑު ކުލި ލިބޭ ގޮތަށް ކުއްޔަށްދީފައިވާ އެތައް މަހުޖަނުންނެއް ހިމެނޭތީ ގިނަ ބަޔަކު ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.



