މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ބަލިކުރުމުގެ އެންމެ ރަނގަޅު ހިންތާއަކަށް ވާނީ ރައީސް ނަޝީދުވެސް އިންތިހާބުގައި ވާދަކުރެއްވުން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފު މިހެން ވިދާަޅުވީ ދަޑިމޮކްރެޓްސް އުފެއްދުމަށް ރޭ ބޭއްވި ޖަލްސާގައި، ރިޔާސީ އިންތިހާބުގައި އޭނާ އާއި ރައީސް ޔާމީނު ވާދަ ނުކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނަޝީދު ރޭ ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
އާދަމް ޝަރީފް ވިދާޅުވީ ގައުމުގައި ހުރި މައްސަލަތައް ހައްލުކޮށް، ގައުމުގެ މިނިވަންކަން ދިފާއުކޮށް އިސްލާމީ ހަޟާރަތާއި ދިވެހި ސަގާފަތް ދިރުވައި މުންކަރާތްތަކާއި ދެކޮޅަށް ގާނޫނީ ވެރިކަމެއް ކުރުމަށް އެންމެ ގާބިލު ލީޑަރަކީ ރައީސް ޔާމީނު ކަމަށެވެ.
އަދި ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައިވާ ލީޑަރަކީ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީނު ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.
“ އިރަަދަކުރެއްވިއްޔާ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނު ވާދަކުރައްވާ ރައީސް ސާލިހު ބަލިކުރައްވާނެ “ އާދަމް ޝަރީފު ވިދާޅުވިއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު، ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ރައީސް ޔާމީނެވެ. އެކަމަކު އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް އޮތުމާ އެކު މިވަގުތަށް އޮތީ ގާނޫނީ ގޮތުން ފުރުސަތު ބަންދުވެފަ އެވެ.



