ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ހިތްވަރެއް ހުރިނަމަ ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކޮށްފައި ކެމްޕެއިންނަށް ވާގޮތް ބެއްލެވުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ގޮވާލައްވައިފި އެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ ވާދަވެރިން ކެމްޕޭން ކުރުމަށް އަދިވެސް ބޭނުންކުރަނީ 2000 ގެ އަހަރުތަކުގައި ބޭނުންކުރި އުކުޅުތައް ކަމަށް ރައީސް ސޯލިހް ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.
އާދަމް ޝަރީފް ވިދާޅުވީ ރައީސް ސޯލިހް ޅިޔަން ފަހަރިން ކައިރިއަށް ލައިގެން ކުރައްވަމުން ގެންދަވަނީ ރަސްކަމެއް ކަމަށެވެ. އެމަނިކުފާނު ކުރައްވަނީ ޑިމޮކްރެޓިކް ވެރިކަމެއް ނޫން ކަމަށެވެ.
“އިދިކޮޅު ކެނޑިޑޭޓް ނުހައްގުން ޖަލުގައި ބަހަށްޓައިގެން ތިޔަ އުޅެނީ ވާދަކޮށްފާނެތީ ބިރުން. ހިތްވަރެއް ހުރިއްޔާ ނިކަން ޔާމީން މިނިވަންކޮށްފައި ކެމްޕެއިންއަށް ވާގިތް ބަލައިލަވަލަ. ހުރިހާ ރަށަކުން މެޖޯރިޓީ ޔާމީން ނަގާނެކަން ކަށަވަރު.” އާދަމް ޝަރީފް ވިދާޅުވި އެވެ.
ރައީސް މިހާރު މ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި މ. ދިއްގަރަށް ވަޑައިގެން މ. މުލީގައި ސަލާންކުރުމަށް ސަފަށް އަރައި ހުރި އަންހެނަކު އެމަނިކުފާނާއި ދިމާލަށް އެއްޗިހިކީ ހާދިސާއަށް އިޝާރަތްކޮށް ވިދާޅުވީ ވާދަވެރިން އުޅުއްވަނީ ދެހާހުގެ ކުރީކޮޅުގެ އަހަރުތަކުގައި ބާވައޭ އެމަނިކުފާނުގެ ހިތްޕުޅަށް އަރައިވަޑައިގަންނަވާ ކަމަށެވެ.



