ރިޔާސީ އިންތިހާބު 2023 ގައި، ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި، ވޯޓުލުމަށް ރަޖިސްޓަރީ ކުރުމަށް ދީފައިވާ، އޮންލައިން ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު 2023 އޮގަސްޓު 2 ވާ ބުދަދުވަހުގެ ނިޔަލަށް އިތުރު ކުރުމަށް، އީސީ އިން މިއަދު ނިންމައިފިއެވެ.
ކުރިން އިލެކްޝަނުން ނިންމާފައިވަނީ އޮންލައިން ކޮށް ރީރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ވަގުތަކީ މިރޭ ދަންވަރު 12:00 ޖަހަންދެން ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި، އުފަން ރަށް ނޫން އެހެން ތަނަކަށް ވޯޓުލާ ފަރާތްތަކުން ރީ-ރެޖިސްޓަރވުމަށް ހުޅުވާލީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެންނެވެ.
މިފަހަރު ރީޖެސްޓްރީވުމުގެ ފުރުޞަތު ދެ ގޮތަށް އިލެކްޝަން ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ. އެއީ އޮންލައިންކޮށާއި، ފޯމު ހުށައަޅައިގެންނެވެ. އޮންލައިންކޮށް ހުޅުވާލުމަށް ނިންމީ، އެމީހަކު ތިބި ތަނެއްގައި ތިބެގެން ފަސޭހައިން ރެޖިސްޓްރީ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ. އަދި ވިހާވެސް ގިނަ ބަޔަކު އިންތިޚާބުގައި ވޯޓުލުމުގެ ފުރުޞަތު ބޮޑުކުރުމަށެވެ.
ނަމަވެސް ކަރުދާސް ފޯމުގައި ރީ ރެޖިސްޓްރޭޝަންއަށް ހުށައަޅާ ފަރާތްތަކަށް، އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ފޯމު ހުށައެޅޭނެއެވެ.



