ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ފުރިހަމައަށް އަދުލުވެރިވެ، އެންމެންގެ މެދުގައި އިންސާފު ޤާއިމުކުރައްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޑރ.މުޢިއްޒުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބުވެވަޑައިގެންފިނަމަ ޤާއިމުކުރައްވާ ސަރުކާރުގެ މޮޓޯއަކަށްވާނީ ރައްޔިތުންނަށް އިންސާފުން ޚިދުމަތްކުރުންކަން ފާހަގަކުރެއްވުމާއެކު މުޢިއްޒު ދެއްވި ޔަގީންކަމަކީ، އޭނާގެ ވެރިކަމުގެ 5 އަހަރު ނިމޭއިރު ގެދޮރުވެރިކަން ނުލިބޭ ރައްޔިތަކު ނުހުންނާނެ ކަމުގައެވެ. ޒުވާނުންނަށް އިސްކަންދެއްވި ނަމަވެސް އެންމެނަށް ފުލެޓާއި ގޯތި ލިބޭނެކަން ކަށަވަރުކުރައްވާނެ ކަމުގައި މުޢިއްޒު ވިދާޅުވިއެވެ.
އަދި ރާއްޖޭގައި ހުރި މައްސަލަތަކުގެ އެންމެ ބޮޑު ސަބަބުކަމުގައިވާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރެއްވުމުގައި އަދި ގެދޮރުވެރިކަން ފޯރުކޮށްދިނުމުގައިވެސް ތަންފީޒުކުރައްވާނީ ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރާ ސިޔާސަތެއްކަމަށާއި، ބޭއިންސާފުން ދުރުވެ އިންސާފުން އެކަން ކުރައްވާނެކަމުގައި ޑރ.މުޢއިްޒު ވިދާޅުވިއެވެ.



