ހއ ދިއްދޫގެ ބިން ހިއްކާ އެއާޕޯޓެއް އެޅުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި މިކަން ކޮށްދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިންގައި މިހާރު ގެންދަވަނީ ހއގެ ރަށްތަކަށް ޒިޔާރަތް ކުރައްވަމުންނެވެ. އެގޮތުން ރޭ ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ، އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އަބަދުވެސް ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަން އެންމެ ފުރަތަމަ ކޮށްދިނުމަށް ކަމަށެވެ.
އަދި ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރުކޮށްދިނުމަކީ އެމަނިކުފާނުގެ ވެރިކަމުގެ އެންމެ ފުރަތަމަ އަހަރުތަކުގައި ކުރައްވާނެ ކަންތައް ކަމަށާއި މިކަން ކުރައްވާނީ ބިން ނެތް ރަށްތަކުގައި ބިން ހިއްކައިގެން އަދި ބިންހުރި ރަށްތަކުގައި ހައުންސިން ޔުނިޓްތަކާއި ފްލެޓް އަޅައިގެން ކަން ރައްޔިތުން ޔަގީން ކުރެއްވުމަށް ޑރ މުއިއްޒު އެދިވަޑައިގަތެވެ.
މީގެ އިތުރުން ދިއްދޫގެ މަގުތައް ހަދާނީ ދިއްދޫގެ ރައްޔިތުން ބޭނުންވާ ގޮތަށް ހިޔާލާމަޝްވަރާ ހޯދައިގެން ކަމަށް ވެސް ވިދާޅުވިއެވެ.
“ރައްޔިތުންނަށް ވަޒީފާތައް ހޯދައިދިނުމަކީ އަޅުގަނޑުމެން ޝައުގުވެރިކަމާއެކު ފަހިކޮށްދޭނެ ފުރުސަތެއް” ޑރ މުއިއްޒު ވިދާޅުވިއެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގާނޫނަށް ގެންނަން ޖެހުނު ކޮންމެ ބަދަލެއް ގެނެސްގެން ވިޔަސް ދިވެހި ފުލުހުންނާއި ސިފައިންގެ މުއައްސަސާ ސިޔާސީ ނުފޫޒުން ސަލާމާތްކޮށްދޭނެ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.